ލައިފްސްޓައިލް

އޮޅިގެން މާގިނައިން ކެފެއިން ބޮވިގެން ޒުވާނަކު މަރުވެއްޖެ

އިނގިރޭސިވިލާތުގެ ވޭލްސްގައި ޕާސަނަލް ޓްރެއިނާއެއްގެ ގޮތުގައި މަސައްކަތްކުރާ ޒުވާނަކު އޮޅިގެން މާ ގިނަ ކެފެއިން އެކުލެވޭ ބުއިމެއް ބޮވިގެން ކުއްލިއަކަށް މަރުވެއްޖެ އެވެ.

އޭނާ ބުއި ތަށީގައި 100 ތަށި ކޮފީގައި ހުންނަ ވަރަށް ކެފެއިން ހުއްޓެވެ. އެހެންވެ އޭނާ މަރުވީ ކެފެއިން އިންޓޮކްސިޓީ ނުވަތަ ކެފެއިން އިން ވިހަވެގެން ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

ތޯމަސް މެންސްފީލްޑް ނަމަކަށް ކިޔާ މި މީހާ އަކީ ސެކިއުރިޓީ ގާޑެއްގެ ވަޒީފާ ވެސް އަދާކުރާ މީހެކެވެ. މިއަހަރުގެ ޖެނުއަރީ ފަސްވަނަ ދުވަހު އޭނާ މަރުވީ ކެފެއިން ޕައުޑަރެއް ތައްޓަކަށް އެޅިއިރު އޮޅިގެން މާ ގިނައިން އެޅިފައި ހުއްޓާ އެ ބޮވުނީމަ އެވެ.

އޭނާ މި ބުއިން ބޮއެފައިވަނީ ޕްރި-ވޯކްއައުޓް ބުއިމެއްގެ ގޮތުގަ އެވެ.

މި ކެފެއިން ޕެކެޓް މެންސްފީލްޑް އޯޑަރު ކޮށްގެން ގެނުވީ ޔޫކޭގެ ސްޕޯޓްސް ސަޕްލިމެންޓް ކުންފުންޏަކުންނެވެ.

ޕެކެޓް އޭނާއަށް ލިބުނީ މަރުވި ދުވަހުގެ ހެނދުނު އެވެ. އަދި ހަމަ ވަގުތުން އޭނާ އެ ޕެކެޓުގައިވާ ޕައުޑަރު އަޅައިގެން ބުއިމެއް ތައްޔާރުކޮށްލައިގެން ބޯލީ އެވެ. އެ ތައްޓަށް ޕައުޑަރު އަޅަން އޭނާ ބޭނުންކުރީ ކިރާ މެޝިނެކެވެ. މެޝިނުން އޭނާ ދެ ގްރާމް ޕައުޑަރު ކިރާލާފައި ތައްޓަށް އެޅީ އެވެ.

އެ ސަޕްލިމެންޓް ޕެކެޓްގެ ބޭރުގައި ބޭނުންކުރަން އިރުޝާދު ދީފައިވަނީ ދުވާލަކު 60 އާއި 300 މިލިގްރާމާ ދެމެދުގެ މިންވަރެއް އަޅާފައިވާ އެންމެ ބުއިމެކެވެ.

މި މައްސަލަ ތަހުގީގުކުރި އިނގިރޭސި ވިލާތުގެ ކަމާ ބެހޭ އިދާރާތަކުން ބުނެފައިވަނީ މެންސްފީލްޑަށް މި ޕައުޑަރު މިނެކިރުމުގައި އޮޅުން އެރީ ކަމަށެވެ. އޭނާ ހިތުން ތައްޓަށް އެޅީ އިރުޝާދުދީފައިވާ މިންވަރުގެ މެދު މިންވަރެކެވެ.

މެންސްފީލްޑްގެ އަންހެނުން ސުޒާނާ މެންސްފީލްޑް ބުނި ގޮތުގައި އޭނާގެ 29 އަހަރުގެ ފިރިމީހާ އަކީ ސިއްހަތު ރަނގަޅު މީހެކެވެ. އެ ދުވަހު އޭނާ އޯޑަރު ކުރި ޕެކެޓުން ބުއިމެއް ކިރާލައިގެން އެންމެ ފުރަތަމަ ކުޑަ ކުޑަކޮށް ރަހަ ބަލާލާފައި ވަރަށް އަވަހަށް ތަށި އެއްކޮށް ބޯލީ ކަމަށެވެ.

ސުޒާނާ ބުނި ގޮތުގައި އެ ބުއިން ބޯލުމާއެކު ފިރިމީހާގެ މެޔަށް ތަދެއް އަރައިގެން މޭގައި ހިފަހައްޓައިގެން ސޯފާގައި އޮށޯތެވެ. އަދި އިރުކޮޅެއް ތެރޭ އަނގައިން ފޮނު ނުކުންނަން ފެށި އެވެ.

ސުޒާނާ ދުވެފައި ގޮސް އަވަށްޓެރިންނާއި ކައިރި ގެ ތަކުގައި އުޅޭ އާއިލާގެ ބަޔަކަށް ގޮވައި އިމަޖެންސީ އަށް ގުޅި އެވެ. އިމަޖެންސީ ކުރޫ އައިއިރުވެސް މެންސްފީލްޑްގެ ހިތް މަސައްކަތެއް ނުކުރެ އެވެ. އަދި ވަގުތުން ހޮސްޕިޓަލަށް ގެންގޮސް އޭނާގެ ފުރާނަ ސަލާމަތްކުރަން މަސައްކަތް ކުރަނިކޮށް މަރުވީ އެވެ.

މެންސްފީލްޑްގެ ޕޯސްޓް މޯޓަމް ރިޕޯޓުގައިވާ ގޮތުން އޭނާގެ ހަށިގަނޑުގައި ހުރި ލޭގެ ކޮންމެ ލީޓަރަކަށް 392 މިލިގްރާމް ކެފެއިން ހުއްޓެވެ.

މޭ 2018ގައި ނެޝަނަލް ސެންޓަ ފޯ ބައޮޓެކްނޮލޮޖީ އިންފޮމޭޝަންގައިވާ މައުލޫމާތު ބުނާ ގޮތުގައި ލޭގައި ކެފެއިންގެ 80 އާއި 100 މިލިގްރާމާއި ދެމެދުގެ މިންވަރެއް ހުރުމަކީ ވެސް ފުރާނައަށް ނުރައްކާވާނެ ކަމަކެވެ.

މި މައްސަލަ ތަހުގީގުކުރި އިދާރާގެ ބަޔާނުގައި ބުނެފައިވަނީ މިފަދަ ކަންކަން ދިމާވުން ހުއްޓުވަން މިގޮތަށް ވިއްކާ ސަޕްލިމެންޓް ޕެކެޓްތަކުގައި ކުޑަ ސަމުސަލެއް އޮތުން މުހިއްމު ކަމަށެވެ. އޭގައި އެންމެ ގިނައިން ބޭނުން ކުރެވޭނެ މިންވަރު ފާހަގަ ޖަހާފައި ބެހެއްޓުމުން މީހުންނަށް އޮޅުން އެރުން ކުޑަވާނެ ކަމަށެވެ.

މެންސްފީލްޑްގެ ފުރާނަ ގެއްލެން މެދުވެރިވީ އޭނާއަށް އެ ޕެކެޓްގައި ހުރި ޕައުޑަރު މިނެކިރުމުގައި ހެދުނު ގޯހަކުން ކަމަށް ވާތީ އެވެ.