ބޮލީވުޑް

ކައިވެނިކުރަން މަންމަ ވަރަށް ޕްރެޝަރުކުރޭ: ޕްރަބާސް

ޕްރަބާސް އަކީ ސައުތު އިންޑިއާގައި ސުޕަސްޓާރެއްގެ ދަރަޖަ ލބިފައިވާ އެކްޓަރެކެވެ.

ޝްރައްދާ ކަޕޫރާ އެކު "ސާހޯ"ގައި ލީޑް ރޯލު ކުޅެފައިވާ ޕްރަބާސްގެ އާ ފިލްމު "ރާދޭ ޝާމް" މިހާރު ރިލީޒްވުމަށް ވަނީ ތައްޔާރުވެފަ އެވެ.

ޕްރަބާސްގެ ގިނަ ފިލްމުތަކާ ޚިލާފަށް "ރާދޭޝާމް" އަކީ ލޯބީގެ ފިލްމެކެވެ. ޕޫޖާ ހެގްޅޭ ބަތަލާގެ ރޯލު ކުޅެފައިވާ މި ފިލްމުގައި ޕްރަބާސް ފެންނާނީ އެހެން ފިލްމުތަކުގައި އޭނާ ފެނިފައިވާ ގޮތާ ވަރަށް ތަފާތު ރޮމެންޓިކް ހީރޯއެއްގެ ގޮތުގަ އެވެ.

ފިލްމު ރިލީޒްކުރުމާ ދިމާކޮށް ޕްރަބާސް ދީފައިވާ އިންޓަވިއުތަކުގައި ބުނެފައިވާ ގޮތުގައި އޭނާ ޒަވާޖީ ހަޔާތެއް ނުފަށައިގެން އާއިލާއިން ވަރަށް ބޮޑަށް ޕްރެޝަރު ކުރަމުންދެ އެވެ. ޚާއްސަކޮށް އޭނާގެ މަންމަ މިހާރު ހުރީ އޭނާ ކައިވެނިކުރުވަން ކަމަރު ބަނދެގެން ކަމަށް ޕްރަބާސް ބުންޏެވެ.

"މަންމަ ކައިރީގައި އަހަރެން ބުނިން 'ބަހޫބަލީ' ނިންމާފައި ކައިވެންޏާ މެދު ވިސްނާނަމޭ. އެކަމަކު އެ ފިލްމު ނިންމާފައި ވެސް އެކަމަކާ ނޫޅެވުނު. މިހާރު ދެން މިހިރީ ސަލާމަތް ވާނެ އެއްވެސް ގޮތެއް ނެތިފައި. ނަމަވެސް ކައިވެނި ކުރެވޭނީ އެކަމަށް އެކަށީގެންވާ ވަގުތު ޖެހުނީމަ. މިހާރު ކައިވެނިގެ ވާހަކައަކީ ގޭގައި އާއިލާގެ މެދުގައި އަބަދާ އަބަދު ދެކެވެމުންދާ ވާހަކައަކަށް ވަނީ ވެފައި. ޚުދު އަހަރެން ވެސް ބޭނުން ކައިވެނިކޮށްގެން އާއިލާއެއް ފަށަން. ނަމަވެސް ކޮންމެ ކަމަކަށް ވެސް ވަގުތެއް އޮންނާނެ،" ޕްރަބާސް ބުންޏެވެ.

ޕްރަބާސް އިތުރަށް ބުނީ "ރާދޭ ޝާމް" އަކީ އޭނާ ވަރަށް ކުޅޭ ހިތުން ކުޅެފައިވާ ފިލްމެއް ކަމަށެވެ. ސަބަބަކީ އަބަދު އެކްޝަން ފިލްމުތައް ކުޅެތީ ތަފާތު ފިލްމެއް ކުޅެން ބޭނުންވީމަ ކަމަށެވެ.

މި މަހުގެ 11 ވަނަ ދުވަހު "ރާދޭ ޝާމް" ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.