ބޮލީވުޑް

ޕްރަބާސް ކައިވެނިކުރާނެ އަންހެންކުއްޖެއް އާއިލާއިން ހޯދީތަ؟

ސައުތު އިންޑިއާގެ ފިލްމުތަކާއި ބައެއް ބޮލީވުޑް ފިލްމުތައް ކުޅެފައިވާ އެކްޓަރު ޕްރަބާސް ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމުގެ ޚަބަރުތައް މިފަހަކަށް އައިސް އިންޑިޔާގެ މީޑިއާތަކުން ވަރަށް ގިނައިން ދަނީ ފެންނަމުންނެވެ.

ޑައިރެކްޓަރު އެސްއެސް. ރާޖާމޯލީގެ "ބަހޫބަލީ" އާއި "ބަހޫބަލީ 2" އިން މަޝްހޫރުކަން ހޯދި ޕްރަބާސް ކައިރީ ނޫސްވެރިން ވަރަށް ގިނައިން ކައިވެންޏާ ބެހޭ ސުވާލުތައް ކުރެ އެވެ. މި ސުވާލު ކުރާ ކޮންމެ ފަހަރަކު އޭނާ މޫނަށް ވައްތަރެއް ޖައްސާލާފައި އެ ވާހަކަ އޮއްބާލަ އެވެ.

އުމުރުން 42 އަހަރުގެ ޕްރަބާސްގެ ބޮޑުބޭބެ ދާދިފަހުން ވަނީ ކައިވެންޏަށް ޕްރަބާސް އެއްބަސް ކުރެވިއްޖެ ކަމަށް ބުނެފަ އެވެ. އަދި އޭނާ އާއި ޕްރަބާސްގެ އާއިލާއިން މިހާރު ވަނީ ޕްރަބާސް ކައިވެނި ކުރާނެ އަންހެންކުއްޖެއް ފައިނަލް ކޮށްފައިވާ ކަމަށް ވެސް ޕްރަބާސްގެ ބޮޑުބޭބެ ބުނެފައި ވެއެވެ.

ޕްރަބާސް އާއި ބައެއް ބަތަލާއިންނާ އަޅުވާ ކިޔާފައި ވީނަމަވެސް ޕްރަބާސް މީގެން އެއްވެސް ބަތަލާއަކާ ލޯބީގެ ގޮތުން ގުޅުނު ކަމަށް އެއްބަހެއް ނުވެ އެވެ. އެގޮތުން "ބަހޫބަލީ" ގެ ބަތަލާ އަނުޝްކާ ޝެޓީ އާއި ޕްރަބާސްގެ ލޯބީގެ ވާހަކަތައް ވަރަށް ގިނަ ދުވަސް ވަންދެން ދެކެވިފައި ވެއެވެ. ނަމަވެސް ޕްރަބާސް އާއި އަނުޝްކާ އަބަދުވެސް ބުނަމުން ދިޔައީ އެ ދެ މީހުންނަކީ ގާތް ދެ އެކުވެރިން ކަމަށެވެ.

ޕްރަބާސް ވަރަށް ފަހުން ދިން އިންޓަވިއު އެއްގައި ބުނެފައި ވަނީ އޭނާ ކައިވެނި ކުރާތަން ދެކެން އޭނާގެ މަންމަ ވަރަށް ބޭނުން ވެގެން އުޅޭ ކަމަށެވެ.

"ކޮންމެ މީހެއްގެ ވެސް މަންމަ ބޭނުންވާނެ އެމީހަކު ކައިވެނި ކުރާތަން ދެކެން. އަހަރެންގެ މަންމަ ވެސް އެކަމަށް ވަރަށް ބޭނުންވޭ. އަހަރެން އަބަދުވެސް މަންމަ ކައިރީ ބުނަން އެކަމާ އެހާ ބޮޑަށް ސްޓްރެސް ވެގެން ނޫޅޭށޭ. އެކަމެއްގެ ވަގުތު ޖެހުނީމަ އެކަމެއް ވާނެއޭ،" ޕްރަބާސް ބުނެފައ ވެއެވެ.