ދީން

ކާމިޔާބު ލިބެނިވި ހަތަރު ސިފަ

ނަމާދުގައި ފަސޭހަކަމާއެކު ކިޔަވާލެވޭ ކުރު ސޫރަތްތަކުގެ ތެރޭގައި ޢަސްރު ސޫރަތް ހިމެނެއެވެ. އެސޫރަތަކީ ތިން އާޔަތުގެ މައްޗަށް އެކުލެވިގެންވާ، ކީރިތި ޤުރްއާނުގެ އެންމެ ކުރު ސޫރަތްތަކުގެ ތެރެއިން ހިމެނޭ ސޫރަތެއް ކަމުގައިވިޔަސް، އެސޫރަތަކީ މާނަ ފުންވެފައި، އެ ސޫރަތުގައި ހިމެނޭ ބައިތަކުގެ މައްޗަށް މުޅި އިސްލާމް ދީން ބިނާވެފައިވާ ސޫރަތެކެވެ.

ޢަޞްރު ސޫރަތުގެ މާތްކަމާމެދު އިމާމުއް ޝާފިޢީ رحمه الله ވިދާޅުވެފައިވެއެވެ. "މާތް ﷲ މީސްތަކުންގެ މައްޗަށް އެސޫރަތް ނޫން އެހެން ބަސްފުޅެއް ބާއްވައިނުލެއްވިކަމުގައި ވީނަމަވެސް މީސްތަކުންނަށް ޙުއްޖަތެއް ކަމުގައި ފުދުނީހެވެ."

މި ސޫރަތް ފެށިފައިވަނީ ވަޤުތު ގަންދެއްވައި ހުވާ ވަޙީ ކުރައްވަމުންނެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿وَالْعَصْرِ * إِنَّ الْإِنسَانَ لَفِي خُسْرٍ * إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ﴾ މާނައީ: "ޒަމާން ގަންދެއްވަމެވެ. * ހަމަކަށަވަރުން، އިންސާނާ ވަނީ ގެއްލުމެއްގައިކަން ކަށަވަރެވެ. * އީމާންވެ ޞާލިޙު ޢަމަލުތައްކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށް އުޅޭ މީހުން މެނުވީއެވެ."

ޢަރަބި ބަހުގައި الْعَصْرގެ މާނައަކީ ވަޤުތެވެ. ނުވަތަ ޒަމާނެވެ. މިސާލަކަށް ޖާހިލިއްޔަ ޒަމާން ނުވަތަ ރަސޫލު ޒަމާނޭ ބުނާއިރުވެސް މި ލަފުޒު ބޭނުން ކުރެވެއެވެ. الْعَصْر ގެ އަނެއް މާނައަކީ އަސުރުވަގުތެވެ. އެއީ މެންދުރުފަސްވެގެން ގޮސް އިރު އޮއްސުމާ ދެމެދުގައި އޮންނަ ވަގުތެވެ. ވަގުތަކީ އިންސާނުންނަށް އެންމެ މުހިންމު އެއްޗެއްވެ. ގެއްލުނު ވަގުތަކީ އަނބުރާ ހޯދޭނޭ އެއްޗެއް ނޫނެވެ. އަހަރެމެންގެ ޙަޔާތުން ފާއިތުވެގެންދާ ކޮންމެ ވަގަތުކޮޅަކީ އާޚިރަތާ ކައިރިކުރުވަނިވި ކަމެކެވެ. ޙަޔާތުގެ ވަގުތުން ހިނގައިދާ ކޮންމެ ހިނދުކޮޅަކާއެކު، ތިބާގެ ހަށިގަނޑުން ބައެއް ވަކިވެގެންދާ ފަދައެވެ. ތިބާއަކީ ތިބާގެ ޙަޔާތުގެ ވަގުތެވެ.

ޙަޔާތުގެ ވަގުތު ގޮސް ނިމޭނީ އަޖަލު ހަމަވުމުންނެވެ. އެ ވަގުތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހެއެވެ. ޤިޔާމަތް ދުވަހުގައި މީސްތަކުންގެ ތެރެއިން އެއްބަޔަކީ ގެއްލެނިވެ ހަލާކުވެގެންވާ ބައެކެވެ. އަނެއް ބަޔަކީ ބާއްޖަވެރިކަމާއި އަމާންކަން ލިބިފައިވާ ބައެކެވެ. މި ދެބައިމީހުންގެ ތެރެއިން ބާއްޖަވެރީންނަކީ އެބައެއްގެ ޙަޔާތުގެ ވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފި މީހުންނެވެ.

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ. "މި ސޫރަތުގައި މާތް ﷲ އެވަނީ الْعَصْرއެބަހީ: ވަޤުތު ގަންދެއްވައި ހުވާ ވަޙީކުރައްވާފައެވެ. ވަގުތަކީ އިންސާނާ ހެޔޮ ޢަމަލު ކުރުމަށް އޭނާގެ ޙަޔާތުގައި ލިބޭ ފުރުޞަތެވެ. އެވަގުތުތަކުގައި ކުރާ ޢަމަލުތަކުގެ މައްޗަށް އާޚިރަތުގައި ޖަޒާދެއްވާނެތެވެ. އެ ޢަމަލުތައް ކުރުމުގެ ވަޤުތަށް އިޝާރާތް ކުރެއްވުމުން ހާމަވަނީ، ޒަމާނާއި، އެ ޒަމާނުގައި ޢަމަލުކުރާނޭ މީހުންނާއި، އެމީހުންގެ ޢަމަލުތައްވެސް ޚަލްޤު ކުރެއްވީ އެއިލާހު ކަމެވެ. އަދި އެބައިމީހުން އެންމެ ފުރަތަމަ އުފެއްދެވިފަދައިން، އާޚިރަތުގައި އަލުން ދިރުއްވުމަށް އުފެއްދެވުމަށް އެއިލާހު ކުޅަދުންވަންތަވެ ވޮޑިގެންވާކަމެވެ.

އަދި ހަމައެއާކު، ޒަމާނާއި، އެޒަމާނުގައި ޢަމަލުކުރާނޭ ފަރާތްތަކާއި، އެފަރާތްތަކުގެ ޢަމަލުތައް އުފެއްދެވުމުގައި އެއިލާހުގެ ޙިކްމަތްތެރިކަން މަތިވެރިވެގެންވާ ފަދައިން، އެބައިމީހުންގެ ޢަމަލުތައް ދެބަޔަކަށް ލެއްވުމުގައި މަތިވެރި ޙިކުމަތެއްވާކަން އެނގި ހާމަވެގެން ދެއެވެ. އެ ދެބައިމީހުން ހަމަހަމަ ވެގެންވުމީ އެ ޙިކުމަތްތެރިކަމާ ޚިލާފު ކަމެކެވެ. އެ ދެބަޔަކީ، ގެއްލެނިވެގެންވާ ބަޔާއި، ފައިދާކުރަނިވި ބައެވެ. ހެޔޮ ޢަމަލު ކުޅަ މީހުންނަށް ހެޔޮ ޖަޒާ ދެއްވުމާއި، ނުބައި ޢަމަލު ކުޅަ މީހުންނަށް ނުބައި ޖަޒާ ދެއްވުމީ އެއިލާހުގެ ޙިކްމަތްތެރިކަމާއި މަތިވެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

އަދި އެއާއެކު އިންސާނުންގެ ތެރެއިން އެއްބަޔަކީ ގެއްލެނިވެގެންވާ ބަޔަކު ކަމުގައި ލެއްވުމާއި އަނެއްބަޔަކީ ފައިދާކުރަނިވި ބައެއް ކަމުގައި ލެއްވުމުގެ ބަދަލުގައި، މުޅި އިންސާނިއްޔަތު އޭގެ ޒާތުގައިވަނީ ގެއްލެނިކަމާއި ހަލާކުގެ ތެރޭގައި ކަން އެންގެވިއެވެ. އެއީ މާތް ﷲ ގެ ރަޙުމަތްފުޅުން، ހިދާޔަތް ދައްކަވައި އީމާންކަމުގެ އަހުލުވެރިންކަމުގައި ލައްވައި، ޞާލިޙު ޢަމަލުތައް ކޮށް، ހެޔޮ ޢަމަލު ކުރުމަށް އެހެން މީހުންނަށް އަމުރުކުރާ މީހުން ފިޔަވައެވެ.

އަދި تَوَاصَوْا އެކަކަ އަނެކަކަށް (ޙައްޤަށާއި، ކެތްތެރިކަމަށް) ވަޞިއްޔަތްކޮށް، އަމުރުކުރާ މީހުންނޭ އޮތް ބަސްފުޅާމެދު ވިސްނައިލުމުން އެނގިގެންދަނީ، ތިމާ އަމިއްލައަށް އީމާންވުމަކުން އަދި ނުފުދޭކަމެކެވެ. އެހެން މީހުންނަށްވެސް އެކަންކަމަށް ވަޞިއްޔަތްކޮށް ހަދަންޖެހޭ ކަމެވެ."

ޙައްޤަށް ވަޞިއްޔަތް ކުރުމޭ އޮތް ބަސްފުޅުގައެވާ ހައްޤަކީ ކޮބައިކަން މިސޫރަތުގައި އެވަނީ ވަރަށް ސާފުކޮށް ބަޔާންކުރައްވާފައެވެ. އެގޮތުން ޙައްޤަކީ އެއީ އިމާންވެ ހެޔޮ ޢަމަލު ކުރުންކަން އެވަނީ އަންގަވާފައެވެ. އަދި އެކަން ފުރިހަމަވެގެންދާނީ، އީމާންކަމާއި ހެޔޮ ޢަމަލު ކުރުންމަތީ ކެތްތެރިކަމާއެކު ދެމިހުރެ، އެހެން މީހުންނަށްވެސް އެކަމަށް މަގުދައްކައިގެންނެވެ. އިންސާނާއަށް އޮތް އެންމެ ހެޔޮ މަގަކީ، އޭނާގެ ހަޔާތުގެ ހުރިހާ ވަގުތެއް އޭނާ އުފެއްދެވި މަޤްޞަދު ޙާޞިލުވޭތޯ ބެލުމުގައި ހޭދަކޮށްލުމެވެ. އަދި ގެއްލެނިކަމާއި ހަލާކުން ސަލާމަތްވުމަށް އެވަގުތުގެ ބޭނުން ހިފުމެވެ.

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ. "ޢަސްރު ސޫރަތުގައި ހަތަރު ދަރަޖައެއް އެވަނީ ކަނޑައަޅުއްވާފައެވެ. އެހަތަރު ދަރަޖަ އަށް ވާޞިލުވެވިއްޖެ މީހާއަށް، ފުރިހަމަކަމާއި ހަމައަށް ވާޞިލުވެވިއްޖެއެވެ.

  • ޙައްޤަކީ ކޮބައިކަން އުނގެނި ދަސްކުރުމާއި،
  • އެއާ އެއްގޮތަށް ޢަމަލުކުރުމާއި،
  • (ޙައްޤަކީ ކޮބައިކަން) ނޭނގޭ މީހުންނަށް އުނގަންނައި ދިނުމާއި،
  • (ޙައްޤަށް) ޢަމަލު ކުރުމުގައާއި އުނގަންނައި ދިނުމުގައި (ގޮވައިލުމުގައި) ކެތްތެރިވެ ހުރުން

މި ހަތަރު ކަމަކީ މުޅި ދީން އޭގެ މަތީގައި ޝާމިލުވެގެންވާ ހަތަރު ކަމެވެ. މިކަންކަމާމެދު ވިސްނައިލުމުން، މި ސޫރަތް ފިޔަވައި އެހެން ސޫރަތެއް މީސްތަކުންގެ މައްޗަށް ބާވައި ނުލެއްވުނު ކަމުގައި ވީނަމެވެސް، މީސްތަކުންނަށް ހުއްޖަތެއް ކަމުގައްޔާއި، ހެޔޮ މަގު ބަޔާން ކޮށްދިނުމެއް ކަމުގައި ފުދޭނޭ ކަމަށް އިމާމުއްޝާފިޢީ رحمه الله ވިދާޅުވެފައިވާ ބަސްފުޅުގެ މާނަ ސާފުވެގެން ދެއެވެ