ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އެމަޖެންސީ އެކްސަސައިޒަށް ތައްޔާރުވެއްޖެ އެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެކްސަސައިޒް ބާއްވަން ނިންމާފައިވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.
އެކްސަސައިޒް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ 16 ވަނަ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 8:00 އަށެވެ.
އެއާކްރާފްތައް ޖައްސާ ރަންވޭގެ އޮޕަރޭޝަންތައް އެކްސަސައިޒް ކުރިއަށްދާއިރު ދެ ގަޑިއިރަށް މެދުކަނޑާލާނެ އެވެ. އެކަމަކު ސީޕްލޭންގެ އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށާއި އަދި އެއާޕޯޓްގެ ހިދުމަތްތައް ވެސް އެއްވެސް ދަތިކަމެއް ނެތި ކުރިއަށްދާނެ ކަމަށް އެމްއޭސީއެލް އިން މައުލޫމާތުދެ އެެވެ.
އެކްސަސައިޒް ކުރިއަށް ގެންދަން ނިންމާފައިވަނީ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އާ ގުޅިގެންނެވެ.
ދިމާވެދާނެ ސަލާމަތީ މައްސަލަތަކަކާ ގުޅިގެން އެކަމަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ އެކްސަސައިޒްގައި އެއާޕޯޓާ ގުޅުންހުރި ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވާނެ އެވެ.
އެއާލައިން ޕާޓްނަރެއްގެ ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން އެމިރޭޓްސް ވެސް މި ހަރަކާތުގައި ބައިވެރިވާނެ އެވެ.
ޖުމްލަ 29 އިދާރާ އަކުން 400 ވޮލުންޓިއަރުން އެކްސަސައިޒުގައި ބައިވެރިވާއިރު މީގެތެރޭގައި ސްކައުޓް، ގާލްގައިޑް އަދި ކެޑޭޓް އެސޯސިއޭޝަން ވެސް ހިމެނެ އެވެ.
މާލެ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު ފަސް ހޮސްޕިޓަލް ކަމުގައިވާ އައިޖީއެމްއެޗް، އޭޑީކޭ، ޓްރީ ޓޮޕް، ހުޅުމާލެ ހޮސްޕިޓަލް، ސެނެހިޔާގެ މުވައްޒަފުން ވެސް މި ހަރަކާތުގައި ބައިވެރިވާނެ އެވެ.