ހަބަރު

ދިވެހި އުފެއްދުންތައް ތައްޔާރުކުރަން ކާރުހާނާއެއް ހަދަނީ

އަންނަ އަހަރު ޗައިނާގައި ބާއްވާ ސައުތް އޭޝިއަން އެކްސްޕޯގައި ރާއްޖޭގެ އުފެއްދުންތައް ދައްކާލުމަށް ފަހު، އެ އުފެއްދުންތައް ކާރުހާނާއެއްގައި އުފައްދައި ބޭރުގެ މާކެޓްތަކަށް ގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރޭ ހުޅުވި އެކްސްޕޯ މޯލްޑިވްސް މައުރަޒާ ގުޅޭ ގޮތުން "އަވަސް" އާ ވާހަކަދައްކަމުން ސައީދު ވިދާޅުވީ އެ މައުރަޒުގައި ދިވެހިންގެ އުފެއްދުންތައް ދައްކާލައި އެ މީހުންގެ ހުނަރުތައް ކުރިއެރުވުމަށް ލިބުނު މިއީ މުހިންމު ފުރުސަތެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެކްސްޕޯގައި ހުރި ފަދަ ދިވެހި އުފެއްދުންތައް ތައްޔާރު ކުރުމަށް ރާއްޖެއިން ބޭރުން ތަކެތި އިމްޕޯޓް ނުކޮށް ރާއްޖޭގައި އުފެއްދޭނެ ގޮތްތަކެއް ހަދައި ދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެފަދަ ގޮތްތަކެއް ހޯދައިދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް ވިދާޅުވި އެވެ.

އަންނަ އަހަރު ޗައިނާގައި ބާއްވާ ސައުތު އޭޝިއަން އެކްސްޕޯގެ "ކަންޓްރީ އޮފް ހޮނާ"ގެ ޝަރަފު ރާއްޖެއަށް ލިބިފައިވާ އިރު އޭގެ ސަބަބުން ބައެއް ކަހަލަ ހާއްސަ އިނާޔަތްތަކެއް ލިބޭނެ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން ދިވެހިންގެ އުފެއްދުންތައް ދައްކާލާނެ ބޮޑު ޖާގައަކާއި ސާމާނު ވިއްކުމުގެ ފުރުސަތު ދިވެހިންނަށް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސައުތު އޭޝިއަން އެކްސްޕޯއަށް ދިވެހި އުފެއްދުންތައް ގެންގޮސް އެތަކެތި އުފެއްދޭނެ ވަސީލަތްތައް ޗައިނާ ފަދަ އިންޑަސްޓްރިއަލް ގައުމަކުން ލިބޭތޯ ބަލާނަން. އެއަށްފަހު އަޅުގަނޑުމެން މި އުޅެނީ ކުރިޔަށް އޮތް ދެ އަހަރެއްގެ ތެރޭގައި ބައެއް ސާމާނު ކާރުހާނާއެއްގެ ޒަރިއްޔާއިން ލައިޓް އިންޑަސްޓްރީ ގޮތުގައި ރާއްޖޭގައި އުފެއްދޭތޯ ބަލަން،" ސައީދު ވިދާޅުވި އެވެ.

މިހާރު ކުރިޔަށްދާ އެކްސްޕޯ މޯލްޑިވްސް ފެއާގައި ކުދި އުފެއްދުން ތަކުން ފެށިގެން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ ހުނަރު ވެރި ފަންނާނުންގެ ބައެއް ކަހަލަ އުފެއްދުންތައް ދައްކާލަން ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެތެރެއިން ކުނާ ވިޔުމާއި ލިޔެލާޖެހުން އަދި ހާއްސަކޮށް ކަނޑުގައި ހުންނަ ބައެއް ޒީނަތްތެރިކަން މޮޑެލްކޮށް ދައްކާލަން ބަހައްޓާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

"އެހެން ކަމުން މިކަމަށް އަޅުގަނޑުމެން ހަމައެކަނި މައުރަޒެއްގެ ސިފަ ގެނައުމުގެ އިތުރުން މައުރަޒެއްގެ ތެރެއިން ފިލާވަޅުތަކެއް ލިބި އިންޑަސްޓްރިއަލް ސްކޭލެއްގެ ބައެއް ކަހަލަ އެއްޗެހި ލައިޓް އިންޑަސްޓްރީ އެއް ތެރެއިން އުފެއްދިދާނެތޯ އަޅުގަނޑުމެން މިބަލަނީ،" ސައީދު ވިދާޅުި އެވެ.

ގާތްގަނޑަކަށް 12 އަހަރުގެ މެދުކެނޑުމަކަށް ފަހު އިއްޔެ ފެށި، އެކްސްޕޯ މޯލްޑިވްސްގައި 85 ސްޓޯލް ބަހައްޓާފައިވާއިރު ތަފާތު ވައްތަރުގެ ދިވެހި ފަރުމާތަކާއި ދިވެހިންގެ ސަގާފަތް ދައްކުވައިދޭ ކުޅިވަރުތަކާއި މަސައްކަތްތައް ވަނީ ހިމަނައިފަ އެވެ.