ގައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ގައުމީ އަބްތޯލުންގެ އަގުހުރި ހިދުމަތުގެ ޒިކުރާ އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފި އެވެ.
މިއަދު ފާހަގަކުރަމުންދާ ޝަހީދުންގެ ދުވަހާ ގުޅިގެން ރައީސް ސޯލިހް ކުރެއްވި ޓުވީޓެއްގައި ވަނީ ޝަހީދުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވާފަ އެވެ.
ގައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ގައުމީ އަބްތޯލުންގެ އަގުހުރި ހިދުމަތުގެ ޒިކުރާ އާލާކޮށް އެ އަބްތޯލުންނަަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުމަށް އެދި ރައީސްގެ މެސެޖުގައި ދުއާ ކުރައްވާފައިވެ އެވެ.
ސިއްހާ ފަރުވާއަކަށް ރައީސް ސޯލިހް މިވަގުތު ހުންނެވީ ސިންގަޕޫރުގަ އެވެ.
ރައީސްގެ އިތުރުން ނައިބް ރައީސް ފައިސަލް ނަސީމް ވެސް ވަނީ ޝަހީދުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ މިނިވަން ދައުލަތެއްގެ ގޮތުގައި އަޅުގަނޑުމެންނާ ހަމައަށް ރާއްޖެ ދެމިއޮތުމުގެ ސަބަބަކީ ޝަހީދުންގެ ޖިހާދު ކަމަށެވެ. އެހެންކަމުން ގައުމަށްޓަކައި ޖާނުން ގުރުބާންވި އަބްތޯލުންގެ ޒިކުރާ އާކޮށް އެއަބްތޯލުންގެ ފުރާނަފުޅަށް ހެޔޮރަހްމަތް ލެއްވުން އެދި ދުއާ ކުރައްވާފައިވެ އެވެ.
ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ ހިޖުރީ އަހަރެއްގެ ޝައުބާން މަހުގެ ފުރަތަމަ ދުވަހު އެވެ. އެ ދުވަސް ހާއްސަ ވަނީ، ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތް ކުރުމަށް ހަނގުރާމަ ކުރައްވަނިކޮށް ޝަހީދުވެވެޑައިގެންނެވި އަލި ރަސްގެފާނަށެވެ.