އައްޑޫ ސިޓީ

ފައްޔަގެ ޓީމަށް މީދޫންވެސް ބޮޑު ތަރުހީބެއް

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) އަށް އައްޑޫ ސިޓީ ހުޅުމީދޫ އިންވެސް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ފައްޔައާއެކު މި ދަތުރުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ކުރިމަތިލައްވާފައިވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްވެސް ބައިވެރިވެވަޑައިގަންނަވައެވެ. އެ ދެ ބޭފުޅުންނާ ކެމްޕެއިން ޓީމު މިއަދު ހުޅުމީދޫ އަދި މީދޫއަށް ވަޑައިގަތުމުން އެ ދެ ރަށުންވެސް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެ ދެ ބޭފުޅުންނަކީ އެ ދާއިރާގެ އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރައްވާ މަގާމުތަކަށް ކުރިމަތިލެއްވި ސަބަބާއި ޕާޓީއަށް ގެންނަވަން ބޭނުންފުޅުވާ ބަދަލުތައް ހިއްސާކުރައްވާފައެވެ.

ފައްޔާޒު އާއި ރޮޒައިނާ އަދި ކެމްޕެއިން ޓީމުން އައްޑޫގައި ހިންގާ ކެމްޕެއިންގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި މަޖިލީހުގެ އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ. އައްޑޫއަށް ނިސްބަތްވާ ދެ މެންބަރަކު ފިޔަވައި އެހެން މެންބަރުންގެ ތާއީދު އޮތީ ފައްޔާޒަށެވެ.

ޗެއާޕާސަންގެ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެންބަރުންގެ ތާއީދު އޮތީ މިނިސްޓަރު ފައްޔާޒަށެވެ. ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އެމްޑީޕީގެ އާންމު މެންބަރުންގެ ބޮޑު ތާއީދެއްވެސް ފައްޔާޒަށް އެބައޮތެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ފައްޔާޒުގެ ކެމްޕެއިން ފެށުމަށް ށ. މިލަންދޫގައި ބޭއްވި ބިޔަ ޖަލްސާއިން އެކަން ވަނީ އިތުރަށް ސާބިތުކޮށްދީފައެވެ.