ލައިފްސްޓައިލް

ކުއްޖަކު ފިލައި ފްލައިޓެއްގައި 2700 މޭލަށް

ހޮލީވުޑް ފިލްމު "ބޭބީޒް ޑޭ އައުޓް"ގައި ކުޑަ ކުއްޖަކު އެކަނި މާއެކަނި އެކި ތަންތަނަށް ކުރި އާދަޔާޚިލާފު ދަތުރު ދައްކާފައި ވެއެވެ. މިފަހަރުގެ މި ހަގީގީ ހާދިސާގައި ދަތުރުކުރީ އެ ފިލްމުގައި ދެއްކި ވަރުގެ ކުޑަ ކުއްޖެއް ނޫން ނަމަވެސް މި ކުއްޖާގެ ވާހަކައާ އެ ފިލްމުގެ ވާހަކައާ އެއްގޮތް ކަމެއް އެބަހުއްޓެވެ.

ބްރެޒީލްގެ ނުވަ އަހަރުގެ ފިރިހެންކުއްޖެއް ގެއިން ނުކުމެގެން ދިޔަ ކަމެއް އޭނާގެ މަންމަ އާއި އާއިލާގެ އެއްވެސް މީހަކަށް ނޭނގެ އެވެ. ބްރެޒީލްގެ މަނައުސް ކިޔާ ރަށެއްގައި ހުންނަ އޭނާގެ ގެއިން އެމެނުއެލް މާކުއިސް ޑި އޮލިވެރާ ނުކުމެގެން ދިޔައީ މިދިޔަ ހޮނިހިރު ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގަ އެވެ. ދިޔަ ގޮތަށް ގޮސް ޓިކެޓަކާ ނުލައި ފްލައިޓަކަށް އަރައިގެން އޭނާ ވަނީ ގާތްގަނޑަކަށް 3،000 މޭލުގެ ދިގު ދަތުރެއް ކޮށްފަ އެވެ.

އެމަނުއެލްގެ މަންމަ ޑެނިއަލް ބުނި ގޮތުގައި ވަރަށް ފަތިހާ އޭނާ ތެދުވެފައި ބަލާލިއިރު ވެސް އެމަނުއެލް އޭނާގެ އެނދުގައި ނިދާފައި އޮތެވެ. ނަމަވެސް އެމަނުއެލް މަންމައަށް އޭނާ ނެތްކަން އެނގުނުއިރު މި ކުޑަ ފިރިހެންކުއްޖާ ގެއިން ނުކުމެގެން އެއާޕޯޓަށް ދާން ނައްޓާލިތާ ދެ ގަޑިއިރު ވެއްޖެ އެވެ.

ޑެނިއަލް ބުނި ގޮތުގައި އޭނާ ހޭލައިގެން ފޯނާ ކުޅެން އިނދެ އިނދެފައި އެމަނުއެލް ކޮބައިތޯ ބަލާލީ ހެނދުނު 7.30 ހާއިރު އެވެ. އޭރު އެމަނުއެލް ކޮޓަރިއަކު ނެތެވެ. ދެން އޭނާއަށް ހާސް ވެގެން ގޮސް ހަދާނެ ގޮތް ހުސްވެ އެމަނުއެލް ހޯދަން ފެށީ އެވެ.

އެމަނުއެލް އެއާޕޯޓަށް ގޮސް ޓިކެޓަކާ ނުލާ އެތެރެއަށް ވަން ގޮތެއް ނޭނގެ އެވެ. އަދި އެ ވަގުތު ފުރަން ތައްޔާޜުވެފައި އޮތް ފްލައިޓަކަށް ބޯޑިން ޕާސް ނެތި އޭނާއަށް އެރުނު ގޮތެއް ވެސް ނޭނގެ އެވެ. އޭނާ އެރި ފްލައިޓް ދަތުރުކުރީ ބްރެޒީލްގެ ދެކުނުގައި ސައޮ ޕޯލޯ ކައިރީ އޮންނަ ގުއަރުޅޮސް ސިޓީ އަށެވެ.

ފްލައިޓެއްގައި މީހުންނަށް ނޭނގި ދަތުރު ކުރެވޭނެ ގޮތްތައް މި ކުއްޖާ އޮތީ މާ ކުރިން ގޫގުލް އިން ހޯދާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެމަނުއެލް ގެއްލިގެން ހާސްވެފައި ހުރި އޭނާގެ މަންމައަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އެ ކުއްޖާ ގައުމުގެ އެންމެ ދެކުނުގެ ރަށެއްގައި ސަލާމަތުން ހުރިކަން ޔަގީން ވުމުންނެވެ.

އެމަނުއެލް އަށް ޓިކެޓާއި ޓްރެވެލް ޑޮކިއުމަންޓްސް އަދި ލަގޭޖާ ނުލައި މަނައުސް އެއާޕޯޓަށް ވަދެވުނު ގޮތަކާއި ސެކިއުރިޓީ އެތައް ދޮރެއް ފޫއަޅުވާލާފައި ގޮސް މަތިންދާބޯޓަކަށް އެރުނު ގޮތެއް މިހާރު އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ ތަހުގީގު ކުރަން ފަށާފަ އެވެ. އެ ފަރާތްތަކުން ދަނީ އެއާޕޯޓުގެ ބޭރާއި އެތެރޭގައި ހުރި ސީސީޓީވީ ކެމެރާތަކުގެ ސީސީޓީވީ ފުޓޭޖްތަކުން އެމަނުއެލް އެ ދުވަހު ކަންތައްތައް ކުރި ގޮތް ބަލަމުންނެވެ.

ފުލުހުން ބުނި ގޮތުގައި އެމަނުއެލް ބޭނުންވީ ބްރެޒީލްގެ އެންމެ ދެކުނުގައިވާ ރަށެއްގައި ދިރިއުޅޭ އޭނާގެ އާއިލާގެ މީހުންނާ ބައްދަލު ކޮށްލާށެވެ. އެހެންވެ އެންމެ ފަސޭހައިން އެކަން ކުރެވޭނެ ގޮތެއް ކަމަށް އޭނާއަށް ފެނުނު ގޮތަށް އަމަލު ކުރީ އެވެ.