ދުނިޔެ

ރަޝިއާއާ ކުރިމަތިނުލާ ވޭތޯ ބަލަންޖެހޭ: ކެނެޑާ

ނޭޓޯ ޖަމާއަތަށް ފޫޅުކެޑި އެއެވެސް ގައުމަކުން ރަޝިއާއާ ސީދާ ކުރިމަތިލައިގެން ނުވާނެ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެ އެވެ.

ޓްރޫޑޯ ވިދާޅުވި ގޮތުން ޔުކްރޭންގައި އުދުހުން މަނާ ސަރަހައްދެއް ކަނޑައެޅުމާ ބެހޭ ގޮތުން ނޭޓޯ ގައުމުތަކުގެ ފޮރިން މިނިސްޓަރުން ނިންމެވީ ހަރުދަނާ ނިންމެވުމެކެވެ.

ބޮޑުވަޒީރު ވިދާޅުވީ ޔުކްރޭން މަތީގައި އުދުހުން މަނާ ސަރަހައްދެއް ނޭޓޯއިން ގާއިމު ކުރުމަށް ވުރެ ނުރައްކާތެރި ކަމެއް މިދަނޑިވަޅުގައި ނުކުރެވޭނެ ކަމަށާއި އެފަދަ ކަމެއް ކޮށްފި ނަމަ ރަޝިއާ ޖެޓްތައް ބިމުން އުފުރޭ ގޮތަށް މިސްރާބު ޖަހާނީ ސީދާ ޔޫރަޕަށް ކަމަށެވެ.

ރަޝިއާއާ ސީދާ ކުރިމަތިލާން ނޭޓޯ ގައުމަކުން ވިސްނައިގެން ނުވާނެ ކަމަށް ވިދާޅުވި ޓްރޫޑޯ ވިދާޅުވީ ޔުކްރޭނަށް އެހީތެރިވާން އެނޫން ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ.

ޔުކްރޭންގެ ރައީސް ޒެލެންސްކީ ވިދާޅުވި ގޮތުން ރަޝިއާގެ ހަމަލާތައް މައިތިރި ކުރެވެން އޮތް އެންމެ ފަސޭހަ ގޮތަކީ ޔުކްރޭން މަތީގައި އުދުހުން މަނާ ސަރަހައްދެއް ކަނޑައެޅުމެވެ. އޭނާ އަދި ވިދާޅުވީ އެނޫން ގޮތެއްގައި ރަޝިއާ ނުހުއްޓުވޭނެ ކަމަށެވެ.

ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވި ގޮތުން ޔޫރަޕިއަން ޔޫނިއަނަށް ކުރެވެން އޮތް ކަމަކީ ރަޝިއާ ޗިސްކޮށްލުމެވެ. އިގުތިސޯދީ ގޮތުން ދުނިޔެ ދަންނަ ހުރިހާ ދަތިކަމެއް ކުރިމަތި ކުރުވައި ހިރިނުލެވޭ ވަރު ކުރުމެވެ.

ޓްރޫޑޯ ވިދާޅުވި ރަޝިއާގެ ބެކަޕް ޕްލޭންތައް ވެސް ސުންނާފަތި ކުރަން ޖެހޭ ކަމަށާއި އެނޫން ގޮތެއްގައި ރަޝިއާއަށް އަވަސް އެނގުމެއް ނުވާނެ ކަމަށެވެ.