ރޯދަމަހަށް ފަހު ހުކުރު މިސްކިތުގެ އާބާތުރަ ފިލުވަން ބޮޑު ޕްރޮޖެކްޓެއް ފަށަން ނިންމާފައިވާ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފި އެެވެ.
ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަންސް އިސްމާޢީލް ނާއިލް ނަޝީދު އަވަސްއަށް ވިދާޅުވީ މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައި އަހަރެއްހާ ދުވަހުގެ ތެރޭގައި ނިނޭނެކަމަށް ބެލެވޭ ކަމަށެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއަން އާކިއޮލޮޖިކަލް ސާވޭ އާއި ރާއްޖޭގެ ސަގާފީ ތަރިކައިގެ ޓެކްނިކަލް ޓީމެއް ގުޅިގެން ނެވެ.
ނާއިލް ވިދާޅުވީ މީގެ ކުރިން ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ ބޮޑު މަސައްކަތެއް ކޮށްފައި ވަނީ މީގެ 30 އަކަށް އަހަރު ކުރިން ކަމަށާއި އަދި މިހާރު މިސްކިތުގެ މަތިވަޑާމަށް ގެއްލުންތައް ވެފައިވާ ކަމަށެވެ.
"މަތިވަޑާންގަނޑުގައި ކަތުރު ފަނި އެޅުމާއި ފީވުމުގެ މައްސަލަ ވަނީ ދިމާވެފައިި. ދެން ހިރިގަލަށް ވެސް ޓްރީޓްމަންޓް ދޭެ" ނާއިލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އަމާޒުހުރީ ހުކުރު މިސްކިތް އެއްކޮށް ބަންދުނުކޮށް އާަބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.
މީގެ ކުރިން 2019 ވަނަ އަހަރު ވެސް ހުކުރު މިސްކިތުގައި ކަތުރުފަނި އަޅައިގެން މަރާމާތުކޮށް ގިނަ ދުވަސްތަކެއް ވަންދެން މިސްކިތް ބަންދުކޮށްފައި ބެހެއްޓި އެވެ.
މާލޭގެ ހުކުރު މިސްކިތަކީ އައް ސުލްތާން އިބްރާހީމް އިސްކަންދަރުގެ ރަސްކަމުގައި މީލާދީން 1656 ވަނަ އަހަރުގެ ތެރޭ ބިނާކޮށް ނިންމެވި މިސްކިތެކެވެ. ހުކުރު މިސްކިތުގެ މުންނާރު ބިނާ ކުރެއްވީ ވެސް ހަމަ އެ ރަދުންގެ ރަސްކަމުގައި މީލާދީން 1675 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަވާރަ ސަތޭކަ އަށްޑިހަ ހަތަރު ވަނަ އަހަރު އިސްލާމީ މަރުކަޒު ހުޅުވުމާ ހަމައަށް، ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ގޮތުގައި ހުރީ ހުކުރު މިސްކިތެވެ. ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓެއްގައި މި މިސްކިތް ހިމަނާފައި ވެއެވެ.