ދިވެހި ސިނަމާ

އެމްއެސްޕީއޭ އިން ސްކްރިޕްޓް ރައިޓިން ވޯކްޝޮޕެއް

މޯލްޑިވްސް ސޮސައިޓި ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) އިން ސްކްރިޕްޓް ރައިޓިން ވޯކްޝޮޕެއް ބޭއްވުމަށް ނިންމައިފި އެވެ.

ޕާފޯމިން އާޓްސްގެ ދާއިރާއިން މީހުން ބިނާ ކުރުމަށް އިސްކަން ދީގެން އުފައްދާފައިވާ އެމްއެސްޕީއޭ އިން މި ވޯކްޝޮޕް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާ ގުޅިގެންނެވެ. އެމްއެސްޕީއޭ ބުނީ މިއީ ހިލޭ ކުރިއަށް ގެންދަން ނިންމާފައިވާ ވޯކްޝޮޕެއް ކަމަށެވެ.

ވިހި ބައިވެރިންނަށް ފުރުސަތު ދިނުމަށް ނިންމާފައިވާ މި ވޯކްޝޮޕްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް މިއަދުގެ ނިޔަލަށް އޮތީ އެ ފުރުސަތު ހުޅުވާލާފައެވެ. ވޯކްޝޮޕް ކުރިއަށް ގެންދާނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްއެސްޕީއޭ އިން ބުނީ އެ ޖަމިއްޔާއިން އެންމެ ބޮޑަށް އިސްކަންދެނީ ޕާފޯމިން އާޓްސްގެ ދާއިރާއިން މީހުން ބިނާ ކުރުމަށް ކަމަކަށް ވާތީ މި އަހަރުގެ ތެރޭގައި ތަފާތު ވޯކްޝޮޕްތައް ހިންގުމަށް ރާވާފައިވާ ކަމަށެވެ. އަދި ފުރަތަމަ ސްކްރިޕްޓް ރައިޓިން ވޯކްޝޮޕެއް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި ހުނަރުވެރި ސްކްރިޕްޓް ރައިޓަރުން މަދުކަމާއެކު މި ހުނަރުގެ ތެރެއަށް ޒުވާނުން ވެއްދުމަށް ބާރު އެޅުން ކަމަށެވެ. އަދި މިރޮގުން ޝައުގުވެރިކަން ހުރި ބަޔަކު އުފެއްދިއްޖެނަމަ ދިވެހި މުނިފޫހި ފިލުވުމުގެ ދާއިރާއަށް ކޮލިޓީ ޕްރޮޑަކްޓް ތަކެއް ނެރެވިގެން ދާނެ ކަމަށް އެ ޖަމިއްޔާއިން ދެކެއެވެ.