ރައްޔިތުންގެ މަޖިލިސް

ދެ ސަފީރަކަށް ރުހުން ދޭން ކޮމޓީން ފާސްކޮށްފި

Mar 5, 2022
2

ދެ ގައުމަކަށް މިހާރު ކަނޑައަޅުއްވާފައި ތިއްބެވި ދެ ސަފީރުން އެހެން ދެ ގައުމަކަށް ބަދަލުކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅާފައިވާ މައްސަލަ އަށް ރުހުން ދިނުމަށް މައްސަލަ ދިރާސާކުރި ކޮމިޓީން ނިންމައިފި އެވެ.

ސަފީރުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅަކު އެހެން ދެ ގައުމަކަށް ބަދަލުކުރަން ނިންމަވާ އެ ދެ ބޭފުޅުންނަށް ރުހުން ހޯދަން ރައީސް އިބްރާާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅު މަޖިލީހުގައި އިއްވީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގަ އެވެ.

ރުހުން ހޯދަން ހުށަހެޅުއްވީ ބެލްޖިއަމްއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް އައްޔަންކުރައްވަން ނިންމަވާފައިވާ އުމަރު އަބްދުއްރައްޒާގާއި ޖަޕާނުގެ ސަފީރުކަމަށް އައްޔަނުކުރައްވަން ނިންމާފައިވާ ހަސަން ސޯބިރު އަށެވެެ.

ހަސަން ސޯބިރު މިހާރު ފުރުއްވަމުން ގެންދަވަނީ ބެލްޖިއަމްއާއި ޔޫރަޕިއަން ޔޫނިއަންއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމެވެ. އުމަރު އަބްދުއް ރައްޒާގަކީ ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.

އެ ދެ ބޭފުޅުން އަނބުރާ ރާއްޖެ ގެންނަވަން ނިންމަވާފައިވާ ކަމަށް ރައީސް ސޯލިހު، މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ. އެކަމަކު އެ ދެ ބޭފުޅުން އެހެން ގައުމަކަށް ބަދަލުކުރައްވާ ވަކި ސަބަބެއް ސިޓީފުޅުގައި ވިދާޅުވެފައެއް ނުވެ އެވެ.

ދެ ސަފީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރަން ފޮނުވީ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށެވެ. ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި އަށް ބޭފުޅުންގެ އަގުލަބިއްޔަތުން ވަނީ އެ ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ފާސްކޮށްފަ އެވެ. އަދި ކޮމިޓީ ރިޕޯޓް މިހާރު ވަނީ މަޖިލީހުގެ ރިޔާސަތަށް ފޮނުވާފަ އެވެ.