ލައިފްސްޓައިލް

ކެބިން ކުރޫއެއްގެ ރަނގަޅުކަމުން ގިނަ ބައެއްގެ ތައުރީފު

ކުޑަކުދިން ގޮވައިގެން މަތިންދާބޯޓުގައި ދަތުރުކުރުމަކީ އުނދަގޫ އަދި ގޮންޖެހުން ބޮޑު ކަމެކެވެ. ދަރިން ގޮވައިގެން ދަތުރުކުރާ މީހުން ފްލައިޓް ތެރޭގައި އެވާ ވަގުތުކޮޅު އުޅޭ ހާލު އިހްސާސް ކުރެވެނީ މަދު ބަޔަކަށެވެ. ގިނަ މީހުންނަށް ވާ ގޮތަކީ ކުދިން ބޮޑާ ހާކައި ރޮއި ހެދުމުން ބޮލަށް އުނދަގޫވެ ކުރެވެނީ ޝަކުވާ އެވެ.

ދަތުރުކުރާ ސަބަބާއި ފްލައިޓް ތެރޭގައި އެހާ ގިނައިރު އިށީނދެގެން އެއްވެސް ކަމެއް ނުކޮށް އިންނަން ޖެހެނީ ކީއްވެގެން ކަން ކުޑަ ކުޑަކުދިންނަށް ކިތަންމެ ވިސްނައިދޭން އުޅުނަސް ނުވިސްނޭނެ އެވެ. އެހެންވެ އެ ކުދިން ގޮވައިގެން ފްލައިޓްގައި ދަތުރުކުރާއިރު އެކުދިންގެ ފަރާތުން އުނދަގޫތަކާ ދިމާވަނީ އެވެ.

ފްލައިޓް ތެރޭގައި ކުޑަކުދިން ރޮއި އަޑުގަދަކުރަން ފެށުމުން ރުޅިއައުމުގެ ބަދަލުގައި އެކުދިންނަށް ހަމްދަރުދީވަނީ މަދު ބައެކެވެ. މިހާރު ވައިރަލް ވެގެން އުޅޭ ވީޑީއޯ އަކީ މިކަހަލަ ވީޑިއޯ އެކެވެ. ފްލައިޓެއް ތެރޭގައި ކުޑަ ކުއްޖަކު ބޮޑާ ހަކައި މަސްލަސް ނުވެގެން އުޅެނިކޮށް ފްލައިޓް އެޓެންޑެންޓަކަށް އުޅުނު ޒުވާން އަންހެންކުއްޖަކު އެ ކުއްޖާ އުރާލައިގެން އޭނާ ރުއްސައި ނިންދަވާ ހެދި މަންޒަރެވެ.

މި ވީޑިއޯގައި ފެންނަނީ ބްރެޒީލްގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރި ފްލައިޓެއްގެ ތެރެ އެވެ. ކުއްޖާ މަސަލަސް ނުވެގެން އޭނާގެ މަންމަ އުޅެން ފެށުމުން ފްލައިޓް އެޓެންޑެންޓް ކުއްޖާ އުރާލައިގެން މަސަލަސް ކޮށްލައި ނިންދަވާ މަންޒަރެވެ. މި މަންޒަރު ބަލާފައި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ މި ފްލައިޓް އެޓެންޑެންޓަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

އިންސްޓަގްރާމްގައި "ގުޑް ނިއުސް މޫވްމަންޓް"ކިޔާ ބަޔަކު ޝެއާ ކުރި މި ވީޑިއޯގައި އެއާ ހޮސްޓެސް އެ ކުއްޖާ ހުއްޓާލައްވަން ވަރަށް ގިނަ ކަންތައްތައް ކުރާ ތަން ފެނެ އެވެ. ކުއްޖާ ކުޅެން ބައެއް އެއްޗެތި ގެނެސްދީގެންނާއި އެ ގޮތުން ވެސް ހުއްޓާ ނުލުމުން އުރާލައިގެން ދެކޮޅަށް ހިނގައިގެންނެވެ.

ކުއްޖާގެ މަންމަ ބުނެފައިވާ ގޮތުގައި އެއާ ހޮސްޓެސް ކަންތައް ކުރި ގޮތުން އެމީހުންގެ ހިތް ވަނީ ޝުކުރުން ފުރިފަ އެވެ.

"ލޯތްބާއި ހަމްދަރުދީ އާއި އޯގާތެރިކަމަކީ ކޮބައިކަން އޭނާ އަހަރުމެން އެންމެންނަށް މިސާލުން ދައްކައިދިން،" އެ ކުއްޖާގެ މަންމަ ބުނެފައި ވެއެވެ.

މި ވީޑިއޯ ވައިރަލް ވުމުން ކުޑަ އިރުކޮޅެއް ތެރޭގައި 1.6 މިލިއަން ވިއުޒް ލިބިފައި ވެއެވެ. އަދި ކޮމެންޓުކުރި އެތައް ހާސް ބަޔަކު ބުނީ މި ޒުވާން އެއާ ހޮސްޓެސްގެ އަމަލުތަކުން ޚުދް އެމީހުންގެ ހިތް ތަކަށް ވެސް އަސަރުކޮށްފި ކަމަށެވެ.

"ލޯތްބާއެކު ފިރުމާލައި އެދައްކާ އޯގާތެރިކަމަކީ ބައެއް ފަހަރު ބޭހަށް ވުރެ ވެސް ރަނގަޅު ފަރުވާއަކަށްވޭ،" އެއާ ހޮސްޓެސް އަށް ތައުރީފުކޮށް މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.