ޔުކްރޭންގެ ހާލަތަށް ބަދަލެއް ނާދެ އެވެ. ރަޝިއާއިން ދެމުން ގެންދާ އުދުވާނި ހަމަލާތައް އެގޮތުގައި އަދި ވެސް ދަނީ ކުރިއަށެވެ. ހަމާލާތައް ދެވަނަ ހަފުތާ ގުނަމުން ދާއިރު އާންމުން ތިބީ ނަފުސާނީ ގޮތުން ވަރުބަލިވެ ފުން ހިތާމައިގަ އެވެ.
ކިރިޔާ ވެސް ފޯރާ މީހަކު ނަމަ ގައުމު ދޫކޮށް އަވައްޓެރި ގައުމުތަކަށް ބޯޑަރު ހުރަސްކުރަނީ އެވެ.
ރަޝިއާ އާއި ޔުކްރޭނާ ދެމެދު ބަދަލު ކުރެވޭ ހަމަލާތައް މިހާރު އެންމެ ވަރުގަދަކޮށް ހިނގަނީ އިރުޕީންގަ އެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވާ ނޫސްވެރިން ހިއްސާކޮށްފައި ހުރި ވީޑިއޯތަކުން ފެންނަ ގޮތުން އެމީހަކު އަތުޖެހުނު އެއްޗެއް ހިފައިގެން ފުރާނަ ސަލާމަތް ކުރެވޭތޯ މަގުތަކުގައި ކޮޅުކޮޅަށް ދުވަނީ އެވެ.
ޔުކްރޭންގެ ވެރިރަށް ކިއެވްއާ މާދުރު ނޫން ހިސާބެއްގައި އޮންނަ އިރުޕީންގައި ދިރިއުޅޭ މީހުން އަވަށުން ބޭރުވުމަށްޓަކައި ހުރަސްކުރަން ޖެހޭ ބްރިޖް އޮތީ ގޮވާފަ އެވެ. މި ބްރިޖަކީ އިރުޕީންއަށް ރަޝިއާ ސިފައިން އެރިއަ ނުދިނުމަށް ޔުކްރޭން ސިފައިގެން މީހަކު ޖާނުން ފިދާވެ ގޮއްވާލި ބުރިޖެވެ.
ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ކުޅިސަމާއަކަށް ހަދައި، ހަނގުރާމައިގެ ތެރެއަށް ރަޝިއާ ވައްދާފައި އެއޮތީ ދެލޯ ތަންމިނަށް ހުޅުވައިގެން ތިބެ ގަސްދުގަ އެވެ. އެހެން ނަމަވެސް އާޚިރުގައި ހުރިހާ ވޭނަކާއި ތަކުލީފެއް ޖެހިފައި އެވަނީ ޔުކްރޭންގެ ރައްޔިތުންނަށެވެ.
ޔުކްރޭން ދޫކޮށް 1.3 މިލިއަން މީހުން އަވައްޓެރި ގައުމުތަކަށް މިހާރު އަރާފައިވާއިރު ދާނެ ތަނެއް ނެތި ނުވަތަ ހަދާނެ ގޮތެއް ނޭނގި އެތައް ބަޔަކު އަދި ވެސް ތިބި ތަނުގައި ތިބީ އެވެ.
ބާރުގަދަ ގައުމުތަކުން މިހާރު ވެސް ފެންނަނީ މަޝްވަރާ ކޮށްގެން ސުލްހަވެރި ގޮތެއް އިޚުތިޔާރު ކުރުމުގެ ބަދަލުގައި ޔުކްރޭން ސިފައިންނަށް ހަތިޔާރު ފޯރުކޮށްދީގެން ހަމަލާތައް ވަރުގަދަ ކުރެވޭތޯ އެވެ.
މިފަދައިން ކުރާ އެއްވެސް ކަމަކުން ހެޔޮ ނަތީޖާއެއް ނުފެންނާނެކަން އެމެރިކާ އާއި ޔޫރަޕަށް ވެސް އެނގެ އެވެ. އެހެންނަމަވެސް އެމީހުން ތިބީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. ހަނގުރާމަ ފަށައިގެން އުޅޭ ރަޝިއާ ވެސް އޮތީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.
ރަޝިއާ ބުނާ ގޮތުން ކޮޅެއްގައި ނުޖައްސައި ހަމަލާތައް ހުއްޓައެއް ނުލާނެ އެވެ. އެނޫން ގޮތެއްގައި ޔުކްރޭނަށް އޮތީ ރަޝިއާއިން ހުށަހެޅި ޝަރުތުތަކަށް ބޯލެނބުމެވެ.