އެސްޓީއޯ ޕީޕަލްސް ޗޮއިސްއަށް ސޭލްސް އެޖެންޓުން ތައާރަފްކޮށްފި އެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް އެޖެންޓުން މުޅި ރާއްޖެއަށް މިއަދު ތައާރަފްކޮށްފައިވާއިރު، 136 އެޖެންޓުން މިހާރު ވަނީ ރެޖިސްޓްރީ ވެފަ އެވެ. އެސްޓީއޯ އިން މިކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި އެޖެންޓުންނަށް ވަނީ ސެޓްފިކެޓް ވެސް ހަވާލުކޮށްފަ އެވެ.
އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ޕީޕަލްސް ޗޮއިސްގެ އެޖެންޓުން ތައާރަފްކުރުމާއިކު އެ ކުންފުނިން ވިއްކާ ސާމާނު ގަންނަން މުޅި ރާއްޖެއަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި އެޖެންޓުން މިހާރު ތިބޭނެ ކަމަށާއި، ތަކެތީގެ އަގު ވެސް އެއް ހަމައެއްގައި ހިފެހެއްޓިފައި ހުންނާނެ ކަމަށް އަމްރު ވިދާޅުވި އެވެ. މީގެ ސަބަބުން ކުންފުންޏަށް ވެސް އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެސް ފައިދާވެގެން ދާނެ ކަމަށް އަމްރު ވަނީ ވިދާޅުވެފަ އެވެ.
މި އެޖެންޓުން ނުވަތަ ފިހާރަތައް މެދުވެރިކޮށް ޕީޕަލްސް ޗޮއިސްގެ އިތުރުން ހޯމް އިމްޕްރޫވްމެންޓުން ވިއްކާ އިލެކްޓްރޯނިކް ސާމާނު ވެސް ރަށްރަށުން ލިބެން ހުންނާނެ އެވެ.
އަމްރު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ތަނުގައި ޕީޕަލްސް ޗޮއިސް ސުޕަމާޓަށް ވެސް ބޮޑު ބަދަލެއް ގެންނާނެ އެވެ. އެގޮތުން އެތަނުގައި އެކި ވިޔަފާރިވެރިންނަށް ވިޔަފާރިކުރެވޭ މޮޑެލްއަށް ތަން ބަދަލުކޮށްލާނެ ކަމަށް ވިދާޅުވި އެވެ. އެ ކުންފުނިން ތަކެތި ވިއްކުމުގެ ބަދަލުގައި، އެތަނުގައި އެހެން ދިފާރަތަކުން ތަކެތި ވިއްކާނެ ކަމަށް އަމްރު ވިދާޅުވި އެވެ.
އެސްޓީއޯ އިން ކުރިން ވަނީ ކާޑުގެ ބާވަތްތައް ވިއްކުމަށް ކާޑު އެޖެންޓުންނާއި ކޮންސްޓްރަކްޝަން އެޖެންޓުން ތައާރަފްކޮށްފަ އެވެ. މުޅި ރާއްޖޭގައި ކާޑު އެޖެންޓުގެ ގޮތުގައި 256 މީހުންނާއި ކޮންސްޓްރަކްޝަން އެޖެންޓުންގެ ގޮތުގައި 56 ފަރާތެއް އެބަ ތިއްބެވެ.