މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

އަޑުބަރޭ މިނިވަންވެއްޖެ

Mar 6, 2022

ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ޖަލަށްލުމަށް ކުރި ހުކުމް ތަންފީޒު ކުރުމަށްފަހު މިއަދު މިނިވަންވެއްޖެ އެވެ.

ކްރިމިނަލް ކޯޓުން އަސްއަދަށް އިއްވި 15 ދުވަހުގެ ޖަލު ހުކުމަށްފަހު މިނިވަންވެފައިވާ ކަމަށް ކަރެކްޝަނުން ވެސް ވަނީ އަވަސް އަށް ޔަގީންކޮށްދީފަ އެވެ.

އައްސަދު ޖަލަށް ލުމަށް މިދިޔަ މަހުގެ ދެވަނަ ދުވަހު ހުކުމްކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ދައުވާކޮށްފައި ވަނިކޮށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޖާމިނުވުމަށްފަހު އަލީ ރާއްޖެ ގެނެސްދޭނެ ކަމަށް ވެފައިވާ އިގުރާރާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުމުންނެވެ. އަސްއަދު ހުކުމެއް ތަންފީޒުކޮށްފައި މިއަދު ޖަލުން މިނިވަންވި ނަމަވެސް ޖާމިނުވި އެއްބަސްވުމާ ހިލާފުވުމުން އެކަމުގެ އަދަބެއްގެ ގޮތުގައި އަހަރު ދުވަހުގެ ޖަލު ހުުކުމެއް އަސްއަދަށް އިއްވުމަކީ ކައިރި ކަމެކެވެ.

ކޯޓަށް ހާޒިރުވުމަށް އަސްއަދަށް ޗިޓު ރައްދުކުރެވިފައިވީ ނަމަވެސް އޭނާ ކޯޓަށް ހާޒިރުވެފައި ނުވާތީ ހުކުމް ކުރީ އޭނާގެ ޣައިރު ހާޒިރުގަ އެވެ. ހުކުމް ކުރުމާ އެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އަސްއަދު، މަގާމުން ވަކިކުރައްވާފަ އެވެ.

ކްރިމިނަލް ކޯޓުން ހުކުމް ކުރިއިރު އަސްއަދު ހުރީ ރާއްޖެއިން ބޭރުގަ އެވެ. އޭނާ ރާއްޖެ އައިސް ކަރެކްޝަނާ ހަވާލުވީ މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އަޑުއެހުމެއް ބާއްވައި، 72 ގަޑިއިރުތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދިނުމަށް ކޯޓުން އަސްއަދަށް އަމުރު ވެސް ކުރި އެވެ. އެކަމަކު އެ މުއްދަތުގެ ތެރޭގައި އަސްއަދަށް، އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދެވިފައެއް ނުވެ އެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަލީ ކޯޓަށް ހާޒިރުކޮށްދީފައިވާނެ ކަމަށް އަސްއަދު ކޯޓުގައި ވިދާޅުވި އެވެ. އެކަމަކު އެއީ ކޯޓަށް ހާޒިރު ކޮށްދިނުން ކަމަށް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ގަބޫލެއް ނުކުރައްވަ އެވެ.

ގާޒީ ހަސަން ސައީދު ވިދާޅުވީ އަލީ ވަހީދު ފުރުން މަނާކޮށްފައި ވަނިކޮށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދީފައިވަނީ ހަތަރު މަސް ދުވަހުގެ ތެރޭގައި އޭނާ ހާޒިރުކޮށްދޭނެ ކަމަށް އައްސަދު ކޯޓުގައި އިގުރާރުވެ ލިޔުމެއްގައި ސޮއިކުރުމުން ކަމަށެވެ.

ގާޒީ ވިދާޅުވީ، އައްސަދު ވެފައިވާ އިގުރާރާ އޭނާ ހިލާފުވުމުން އަލީގެ ޝަރީއަތްތައް ކުރިއަށް ގެންދަން ހުރަސް އެޅިފައިވާ ކަމަށެވެ. އޭނާގެ އެ އަމަލުން ކޯޓަށާއި ޝަރީއަތަށް ވެސް ނުބައި ތަސައްވުރެއް ލިބިފައިވާ ކަމަށާއި އެހެންކަމުން އޭނާގެ މައްޗަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

އަލީ ވަހީދު ހައްޔަރުކުރުމަށް އިންޓަޕޯލް މެދުވެރިކޮށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެކަމަކު އޭނާ އަދި ހައްޔަރުކުރެވިފައެއް ނުވެ އެވެ.