ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ސުޕްރީމް ކޯޓުން އިއްޔެ އިއްވި ޖަލު ހުކުމާ ގުޅިގެން އޭނާގެ ޖަލު ހުކުމް ފުރިހަމަކުރަން ރާއްޖެ ގެންނަން ފުލުހުންގެ ކިބައިން އެދޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސާސް އިން ބުނެފި އެވެ.
އަލީ ވަހީދަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލަ ކޯޓުގައި ކުރިއަށްދާއިރު އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުވާން އޮތީ އަމަރުކޮށްފަ އެވެ. ނަަމަވެސް ކޯޓަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ އޭނާއަށް އިއްޔެ ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
ޖަލު ހުކުމާ ގުޅިގެން ކަރެކްޝަންސް އިން ބުނީ ކޯޓުގެ ހުކުމް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އަދި ރިމާންޑްގައި ނެތް ފަރާތްތަކަށް ޖަލު ހުކުމެއް ކޮށްފި ނަމަ އެފަރާތެއް ގެނެސް ދިނުމަށް އެދުމަކީ އާންމުކޮށް އަމަލު ކުރަމުންދާ އުސޫލު ކަމަށެވެ. އެހެންކަމުން އަލީ ވަހީދުގެ ހުކުމް ތަންފީޒުކުރުމަށް އެދޭނެ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފަ އެެވެ.
އަލީ ވަހީދު ޖަލަށްލާން ހުކުމް ކުރިއިރު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ވެސް ބާއްވަން ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ.
ދައުލަތުން އަލީ ވަހީދާ ދެކޮޅަށް އުފުލާފައިވާ ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކާއި ގުޅިގެން އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިން ކޮށް ކުރިއަށް ގެންދާތީ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ނަމަވެސް ހައިކޯޓުން މައްސަލަ ބޭރުކޮށްލުމާ ގުޅިގެން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިދިޔަ މަހުގެ 15 ވަނަ ދުވަހު އެ ކޯޓުން ވެސް ވަނީ ދައުލަތުގެ އިސްތިއުނާފް އަޑުއެހުމަށް އަލީ ވަހީދު ރާއްޖެ ވަޑައިގަތުމަށް އަންގާ އޭނާ އަށް ޗިޓް ފޮނުވާފަ އެވެ. އެކަމަކު އަލީ ވަހީދު އަދި ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުގައި މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ ތާވަލްކުރީ މިމަހުގެ ދެވަނަ ދުވަހު އެވެ. ނަމަވެސް އެ އަޑުއެހުން ފަހުން ކެންސަލް ކޮށް އިއްޔެ އަށް ތާވަލްކުރި ސަބަބެއް ކޯޓުން ބުނެފައެއް ނުވެ އެވެ.
މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވި އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ދައުލަތުން ދެކޮޅު ހަދާފައިވަނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ބުނެ އެވެ.
އަލީ ވަހީދު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވީ ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށް، ފުރަން ހުއްދަ ދިނުމާ ގުޅިގެންނެވެ.