ހުޅުމާލޭގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓަކާ ގުޅިގެން ފަރުވާ ދެމުން ދަނިކޮށް މަރުވީ މެރަތަންއެއްގައި ދުވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދިޔަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފެއްކަން އެނގިއްޖެ އެވެ.
މި އެކްސިޑެންޓްގައި މަރުވީ ލ. އިސްދޫއަށް އުފަން އުމުރުން 23 އަހަރުގެ ހަސަން ސަމާހު އެވެ.
ދުވުމަށް ހާއްސަ ޝައުގެއް ހުންނަ ހަސަން ސަމާހް އަކީ ކަރެކްޝަންސްގެ ޖަލު ބަލަހައްޓާ އޮފިސަރެކެވެ. އޭނާ މަރުވީ އަންނަ މަހު ކައިވެނި ކުރަން ތައްޔާރުވަމުން ދަނިކޮށް ކަމަށް އެނގިފައިވެ އެވެ.
މި އެކްސިޑެންޓް ހިނގީ ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ހަސަން ސަމާހް ދުއްވަމުން ދިޔަ ސައިކަލްގެ ޖެހިގެންނެވެ.
އެކްސިޑެންޓް ހިނގި ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ މެންދަމު 2:48 ހާއިރު އެވެ.
ސަމާހް މަރުވީ އެކްސިޑެންޓާ ގުޅިގެން ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަތާ އިރުކޮޅެއް ފަހުން ކަމަށްވެ އެވެ.
އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ ކާރު ދުއްވި 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި ހަސަން ސަމާހް ރޭ ވަރަށް ލަސްވަންދެންވެސް އުޅުނީ އާއިލާ މީހުންނާ އެކު ކެއުމެއްގައެވެ. އަދި އޭނގެ ފަހުން މެރެތަން އޮންނަ ސެންޓްރަލް ޕާކް ސަރަހައްދަށް އެކްސިޑެންޓް ހިނގުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ބައެއް މީހުން ސައިކަލްގައި ގެންގޮސްދީފައިވާ ކަމަށްވެސް އެނގިފައިވެ އެވެ.
އެކްސިޑެންޓްވީ ވަގުތުވެސް ސަމާހްގެ ސައިކަލްގެ ފަހަތުގައި އެހެން މީހަކު އިން ކަމަށްވެ އެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ މާބޮޑު ތަފްސީލެއް ނުލިބެ އެވެ.