ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނެސްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެދިފައިވާތީ އޭނާ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
އަލީ ވަހީދު ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށާފައި މިވަނީ އޭނާ ދެ މަސް ދުވަހާއި 12 ދުވަހަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން ހުކުމް ތަންފީޒު ކުރުމަށެވެ.
އަލީ ވަހީދު ޖަލަށްލުމަށް ސުޕްރީމް ކޯޓުން މިމަހުގެ 15 ވަނަ ދުވަހު ހުކުމް ކުރީ އެ ކޯޓަށް ހާޒިރުވާން އޭނާއަށް އެންގުމުން އެ ދުވަހު ކޯޓަށް ހާޒިރު ނުވުމުންނެވެ.
އަލީ ވަހީދަށް ހުކުމް ކުރުމާ ގުޅިގެން އޭނާ ރާއްޖެ ގެނެސްދިނުމަށް ކަރެކްޝަންސް އިން ފުލުހުންނަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވާފަ އެވެ.
ފުުލުހުންގެ މީޑިއާ އޮފިސަރު މިއަދު އަވަސް އަށް ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށްޓަކައި އޭނާ ރާއްޖެ ގެނައުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކުރަންޖެހޭ ކަންކަން ކުރެވެމުންދާ ކަމަށެވެ.
"އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ޕޮލިސް ޓް ޕޮލިސް ކޯޕަރޭޝަން މެދުވެރިކޮށްވެސް އިތުރަށް ދަނީ މަސައްކަތް ކުރަމުން،" އޮފިސަރު ވިދާޅުވެފައިވެ އެވެ.
އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުވާން އެންގީ އޭނާ އަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލަ ކޯޓުގައި ކުރިއަށްދާއިރު ދައުލަތުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ދައުލަތުން އަލީ ވަހީދާ ދެކޮޅަށް އުފުލާފައިވާ ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކާއި ގުޅިގެން އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިން ކޮށް ކުރިއަށް ގެންދާތީ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ހައިކޯޓުން މައްސަލަ ބޭރުކޮށްލުމާ ގުޅިގެން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިދިޔަ މަހުގެ 15 ވަނަ ދުވަހު އެ ކޯޓުން ވަނީ ދައުލަތުގެ އިސްތިއުނާފް އަޑުއެހުމަށް އަލީ ވަހީދު ރާއްޖެ ވަޑައިގަތުމަށް އަންގާ އޭނާ އަށް ޗިޓް ފޮނުވާފަ އެވެ. އެކަމަކު އަލީ ވަހީދު މިއަދާ ހަމައަށް ވެސް ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.
އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނެވި ކަމަށް ބުނާއިރު އޭނާގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ދައުލަތުން ދެކޮޅު ހަދާފައިވަނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ބުނެ އެވެ.
އަލީ ވަހީދު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވީ ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށް، ފުރަން ހުއްދަ ދިނުމާ ގުޅިގެންނެވެ.