މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްއިން ގުރައިދޫ މަރުކަޒާއި ހިޔާއަށް ގޮދަނޑި ހަދިޔާކޮށްފި

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއާއި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ގޮދަނޑި ހަދިޔާކޮށްފި އެވެ.

އެމްޕީއެލްގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގޮދަނޑިތައް ރަމްޒީ ގޮތުން ޖެންޑާ މިނިސްޓްރީއާ ވަނީ ހަވާލުކޮށްފަ އެވެ. ގޮދަނޑިތަކާ ހަވާލުވެވަޑައިގަތީ ޖެންޑަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފަޒްނާ ޝާކިރު އެވެ.

އެމްޕީއެލްއިން ހަދިޔާ ކުރީ 127 ގޮދަނޑިއާއި ބެޑް ޝީޓެވެ.

މިއީ އެމްޕީއެލްގެ ސީއެސްއާރު -- އިޖުތިމާއީ ޒިންމާގެ ދަށުން ފޯރުކޮށްދިން އެހީއެއް ކަަމަށް އެ ކުންފުނިން ބުނެ އެވެ.

ސްޓޭޓް މިނިސްޓަރު ފަޒްނާ ވިދާޅުވީ އެމްޕީއެލްއިން ހަދިޔާ ކުރި ގޮދަނޑިތަކުގެ ތެރެއިން 81 ގޮދަނޑި ބޭނުންކުރާނީ ގުރައިދޫ މަރުކަޒުގައި ކަމަށެވެ. އެ މަރުކަޒު މަރާމާތު ކުރަމުންދާއިރު މި ދަނޑިވަޅުގައި އާ ގޮަދަނޑިތަކެއް ލިބުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ވިދާޅުވި އެވެ.

ބާކީ ހުރި 46 ގޮަދަނޑި ބޭނުންކުރާނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ކަމުގައިވެސް ފަޒްނާ ވިދާޅުވި އެވެ. ވިލިމާލޭގައި ހުންނަ ހިޔާ އަކީ ކުއްލިއަކަށް ދައުލަތަށް ނަގަން ޖެހޭ ކުދިން ވަގުތީ ގޮތުން ބަހައްޓާ ތަނެކެެވެ.

ޖެންޑާ މިނިސްޓްރީގެ ފަރާތުން ފަޒްނާ ވަނީ އެމްޕީއެލް އިން ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި އެ ކުންފުންޏަށް ޝުކުރު އަދާކުރައްވާފަ އެވެ.