ބަންކަރިން ހިދުމަތް

އުތުރުގެ މެރިޓައިމްގެ ހިދުމަތްތަކާ ގުޅޭ ހާއްސަ ވެބްސައިޓެއް

އުތުރުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ހިދުމަތްތަކާ ގުޅޭ ހާއްސަ ވެބްސައިޓް މިއަދު ލޯންޗްކޮށްފި އެވެ.

އިންޓަނޭޝަނަލް ފިއުލް ބަންކަރިން ހިދުމަތާއެކު، އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ އިތުރު ހިދުމަތްތައް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ފޯރުކޮށްދޭނީ އުތުރު މެރިޓައިމް ސާވިސަސް (ޔޫއެމްއެސް)ގެ ނަމުގައެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތުގައި ޔޫއެމްއެސްގެ ވެބްސައިޓް ލޯންކޮށްދެއްވީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޒިމް އެވެ.

މިވެބްސައިޓުން އުތުރުގައި ފޯރުކޮށްދޭ މެރިޓައިމްގެ ހިދުމަތްތަކުގެ މައުލޫމާތާއި އެކި ހިދުމަތްތައް ފޯރުކޮށްދޭ އޭޖެންޓުންގެ މައުލޫމާތުތައްވެސް ލިބެން ހުރެ އެވެ.

އުތުރުގައި އިންޓަނޭޝަނަލް ފިއުލް ބަންކަރިން ހިދުމަތްތައް ފެށުމަށް އެސްޓީއޯ އިން މިހާރު ވަނީ ތައްޔާރުވެފަ އެވެ. މި ހިދުމަތާއެކު އުތުރުގައި މެރިޓައިމްގެ ގިނަ ހިދުމަތްތަކެއް އެމްޕީއެލުން ފޯރުކޮށްދޭނެ އެވެ. މީގެތެރޭގައި ޕްރޮވިޝަން ސަޕްލައި، ސްޕީޑް ބޯޓް، ޕައިލަޓޭޖް، ވޯޓަ ބަންކަރިން، ކްރޫ ޗޭންޖް އަދި މެއިންޓަނަންސްގެ ހިދުމަތް ހިމެނެ އެވެ. ކުރިއަށް އޮތް ތަނުގައި މި ހިދުމަތްތައް އިތުރަށް ފުޅާކުރުމަށްވެސް އެމްޕީއެލް އިން ވަނީ ނިންމާފަ އެވެ.

މިރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ އުތުރުގައި މެރިޓައިމް ހިދުމަތްތައް އަލަށް ފަށާއިރު ހިދުމަތްތައް ފުރިހަމަކޮށްދީ، އެ ސަރަހައްދަށް އުޅަނދުތައް އަންނަންޖެހޭ ބޭނުމެއް އުފައްދަންޖެހޭ ކަމަށެވެ. މި ވެބްސައިޓާ އެކު އެ މައުލޫމާތުތައް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކަން މިކުރަނީ އުޅަނދު ފަހަރު ރާއްޖެއަށް ފިއުލް ބަންކަރިން ނުވަތަ އެހެން ހިދުމަތެއް ހޯދަންވެސް އަންނާނެ ސަބަބެއް އުފެއްދުމަށް," ވަޖީހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޕީއެލްގެ އަމާޒަކީ ސަރުކާރުގެ އެހެން ކުންފުނިތަކާއި ވުޒާރާތަކާ ގުޅިގެން ގައުމަށް ފައިދާވާނެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ އެސްޓީއޯގެ އަމާޒަކީ އިންޓަނޭޝަނަލް ފިއުލް ބަންކަރިން ހިދުމަތުން ރާއްޖޭގެ އިގްތިސާދަށް ކުރިއެރުންތައް ހޯދައިދިނުން ކަމަށެވެ. އަދި މި ހިދުމަތް ދިނުމުގައި އެސްޓީއޯއަށް އެމްޕީއެލްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ނާޒިމު ވިދާޅުވީ އުތުރުގައި މެރިޓައިމްގެ ހިދުމަތްތައް ފެށުމުގެ ފުރަތަމަ މަރުހަލާއަކީ މިކަމުގެ މަޢުލޫމާތު ލިބޭނެ ޕްލެޓްފޯމެއް ގާއިމުކުރުން ކަމަށެވެ. އަދި މިއަދު ލޯންޗްކުރި ވެބްސައިޓަކީ އެކަން ހާސިލްކުރުމުގައި އެމްޕީއެލުން ކުރި މުހިއްމު މަސައްކަތެއް ކަމަށާއި ދެން ނުހުއްޓި މި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށްވެސް ވިދާޅުވި އެވެ