މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްގެ ސީ-ޓު-އެއާ ހިދުމަތުގައި ގަތަރު އެއާވޭސް ބައިވެރިވެއްޖެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގަތަރު އެއާވޭސްގެ ޖެނެރަލް ސާވިސް އެޖެންޓް -- އޭސް ޓްރެވަލްސްއާއެކު ސީ-ޓު-އެއާ ޓްރާންސްޝިޕްމަންޓް ކާގޯ ހިދުމަތް ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް އެވެ. އަދި އޭސް ޓްރެވަލްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގެވެ.

މިރަސްމިއްޔަތުގައި ވާހަކަދައްކަވަމުން ވަޖީހު ވިދާޅުވީ ސީ-ޓު-އެއާގެ ޓްރާންސްޝިޕްމަންޓުގެ ހިދުމަތް މި އަހަރުގެ މެއި މަހުގެ ތެރޭގައި އަމަލީކޮށް ފަށާފައިވާއިރު، ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ރާއްޖެއިން ކާގޯ ފޮނުވާފައިވާ ކަމަށެވެ.

ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއްކަން ފާހަގަކުރައްވާ ވަޖީހު ވިދާޅުވީ ސީ-ޓު-އެއާ ޓްރާންސްޝިޕްމަންޓް ހިދުމަތާއެކު އެއް މަސް ދުވަހުގެ ތެރޭގައި 20،000 ޑޮލަރު އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ.

މިރަސްމިއްޔާތުގައި ފިރާގު ވަނީ ގަތަރު އެއާވޭސްއަކީ ރާއްޖެއަށް ކޮންމެ ދުވަހަކުވެސް ތިން ފްލައިޓް ބާއްވާ އެއާލައިނެއް ކަމަށް ފާހަގަކުރައްވާފަ އެވެ. އަދި 50 ޓަނުގެ މުދާ އުފުލުގެ ގާބިލުކަން އެ އެއާލައިނަށް ލިބިފައިވުމުން މި ހިދުމަތުގެ ކުރިމަގު ފެންނަނީ ފަހިކޮށް ކަމަށް ފިރާގު ވިދާޅުވި އެވެ.

ރާއްޖެއިން ސީ-ޓު-އެއާގެ ޓްރާންސްޝިޕްމަންޓް ކާގޯގެ ހިދުމަތް ފެށީ ޓާކިޝް އެއަލައިންސާ އެކު މިދިޔަ މެއި މަހުގެ ތެރޭގައެވެ. އެގޮތުން ބަންގްލަދޭޝްއިން ކަނޑުމަގުން 25،000 އަށްވުރެ ގިނަ އަންނައުނުގެ ޕެކޭޖު ރާއްޖެ ގެނެސް، އިޓަލީ، ޖަރުމަން، އެމެރިކާ، ކެނެޑާ އަދި ތުރުކީއަށް އެކްސްޕޯޓުކޮށްފައިވެ އެވެ.