ގައުމުގެ އެތެރޭގައި އުފެދޭ ހިޔާލު ތަފާތުވުން ތަކުގެ ތެރެއަށް، ބޭރު މީހުންގެ ވަނުމަށް ޖާގަ ދޭނަމަ ދިވެހިންގެ މިނިވަން ކަން ގެއްލޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ 2004 ވަނަ އަހަރު ހިނގި ސުނާމީގެ ހާދިސާއަށް ފަހު ދިވެހިން ފާހަގަކުރަމުން އަންނަ ގައުމީ އެއްބައިވަންތަ ދުވަހާއި ގުޅިގެން މިއަދު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަމުން ނެވެ. ސުނާމީ ހާދިސާއާ ގުޅިގެން ބޭއްވި މި ހަފްލާގައި އުމަރުގެ އިތުރުން ސަރުކާރުގެ ހުރިހާ ވަޒީރުންނާއި އެހެނިހެން އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މި ހަފްލާ ޝަރަފުވެރިކޮށްދެއްވާ އުމަރު ވިދާޅުވީ ގައުމުގެ އެއްބައިވަންތަކަމާއި މިނިވަން ކަމަކީ ވަރަށް ބޮޑަށް ގުޅިފައިވާ ދެ ކަމެއް ކަމަށާއި އެގޮތުން އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ކުރަން ޖެހޭ އެންމެ ބޮޑު އެއް މަސައްކަތަކީ ދިވެހިންގެ މިނިވަން ކަން ދެމެހެއްޓުން ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ ތާރީހުގައި ހިތާމަ ކުރަން ޖެހޭ އެއް ކަމަކީ ދިވެހިންގެ މިނިވަންކަން ގެއްލިފައިވަނީ، އެއްބައިވަންތަކަމުގެ ސަފުތައް ރޫޅި ބަޔަކު ބޭރުގައުމުގެ މީހުން ގައުމަށް ގެނައުމުގެ ސަބަބުން ކަމަށް އުމަރު ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މިހާރު ފެންނަ މުންދާ މަންޒަރަކީ ދިވެހިންގެ އަމިއްލަ ގަލަމުންނާއި ދުލުން އަދި ސޯޝަލް މީޑިއާގެ ޒަރައްޔާއިން ގައުމުތެރޭގައި ހުރި ބައެއް މައްސަލަތައް ބޭރު ގައުމުތަކަށް ފޮނުވާ އެމީހުންގެ ނުފޫޒާއި އަދި އެމީހުންގެ ސިޔާސަތު ރާއްޖެ ގެނައުމަށް ބަޔަކު މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ.
"ބޭރު ގައުމުތަކުން އަބަދުވެސް ތިބޭނީ އަޅުގަނޑުމެންގެ އިސްލާމީ އުސޫލުތަކާއި ހިލާފަށް އެމީހުންގެ އަމިއްލަ އުސޫލުތަށް މިގައުމަށް ގެނެވޭތޯ ފަރަލައިގެން. އެދަނޑިވަޅުގައި އަޅުގަނޑޫމެންގެ ތެރޭގައި އުފެދޭ ހިޔާލުތަފާތުވުންތަކާއި ހެދި އަޅުގަނޑުމެންގެ އެއްބައިވަންތަ ކަމުގެ ސަފުތަކުން ނިކުމެ، އަސްދަނޑިން ބޭރުވެ ބޭރުގައުމުތަކުގެ މީހުންނަށް ދައުވަތުދޭ ކަމަކަށް ވެއްޖެ ނަމަ ވަރަށް ފަސޭހައިން އެކި ދޮރު ތަކުން ވަދެ ދިވެހި ރާއްޖޭގެ ދާހިލީ ކަން ކަމާއި ދީނަށް އަދި ހުރިހާ ކަމަކަށް ވަދެ އަޅުގަނޑުމެންގެ މިނިވަން ކަންވެސް ނިގުޅާ ގަންނާނެ،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ މީގެ ކުރިން ރާއްޖެއަށް ބޭރު މީހުން ހަތިޔާރުން ހަމަލާދީފައިވީ ނަމަވެސް މިޒަމާނުގައި ރާއްޖެއަށް ހަމަލާތައް ދެނީ ބައިނަލްލަގުވާމީ ޖަމިއްޔާތަކާއި އެކި ފާސް ކުރުވާފައި ހުންނަ އެކި ގަރާތުތަކާއި އަދި އިގްތިސޯދީ ނުފޫޒުތައް ކަމަށާއި އެކަން ކަން ބޭނުން ކޮށްގެން ބޮޑެތި ގައުމުތަކުން މަސައްކަތް ކުރަނީ ދިވެހިނގެ މުލައްދަނޑިތައް އަނބުރާ ސިޔާސަތުތައް ބޭނުން ގޮތަކަށް ބަދަލު ކުރަން ކަމަށެވެ.