ހުޅުމާލެ

ހުޅުމާލޭގައި ޕާކިން ބިލްޑިންއެއް އަޅަން ހަވާލުކޮށްފި

ހުޅުމާލޭގައި ޕާކިން ބިލްޑިންއެއް އަޅަން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދަމާސް ކޮމްޕެނީއާ ހަވާލުކޮށްފި އެވެ.

އެޗްޑީސީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުުމެއްގައި ވަނީ ސޮއިވެސް ކޮށްފަ އެވެ.

މި އެއްބަސްވުމުގައި ދަމާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސޯލިހު އެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އެވެ.

މިއީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި ހުޅުމާލޭގައި އެކި ބޭނުންތަކަށް ޒިޔާރަތްކުރާ މީހުންގެ އުޅަނދުތައް ޕާކްކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކާއި މަގުތަކުގެ މަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް މަދުކުރުމަށް އަޅާ ޕާކިން ބިލްޑިންއެއް ކަމަށް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލެ ފެރީ ޓާމިނަލްއާއި ދިމާލުން ހުންނަ އޯޝަން ފްރޮންޓްގެ ފަހަތުގައި ހަދާ މި ޕާކިން ބިލްޑިންގްގައި ސައިކަލު އަދި ކާރު ޕާކްކުރެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

ޕާކިން ބިލްޑިންގެ ބޮޑުމިނަކީ 36،155.97 އަކަފޫޓެވެ.

ނިމިގެންދިޔަ ސަރުކާރުގައި މެކޭނިކަލް ޕާކިން ބިލްޑިންތަކެއް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހެދި އެވެ. ނަމަވެސް އެދެވޭ ގޮތަކަށް އެ ސިސްޓަމްތަކުގެ ބޭނުން ނުހިފި މިހާރު ވަނީ ދަބަރަށް ވެފަ އެވެ.