މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ޓެކްސީ ދަތުރުގެ އަގު ބޮޑުކޮށްފިނަމަ ފިޔަވަޅު އަޅާނަން: ޓްރާންސްޕޯޓް މިނިސްޓްރީ

Mar 6, 2022
4

ޓްރާންސްޕޯޓް މިނިސްޓްރީގެ ހުއްދަ ނެތި ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް މިނިސްޓްރީން ދީފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީ ވިދާޅުވީ ޓެކްސީ ދަތުރުތައް ކުރެވޭނެ އަގުތަކެއް މިނިސްޓްރީން ފާސްކޮށް އިއުލާންކޮށްފައިވާނެ ކަމަށެވެ.

އެ އަގުތަކަށް ވުރެ ބޮޑު އަގެއް އެއްވެސް ފަރާތަކުން ނަގައިފިނަމަ އެފަރާތަކާ މެދު ގާނޫނާއި ގަވައިދުގައިވާ ގޮތަށް ފިޔަވަޅު އަޅާނެ ކަމުގައިވެސް ޝިމާޒު ވިދާޅުވި އެވެ.

ޓެކްސީ ކުރުމުގެ ގަވައިދުގައިވާ ގޮތުން އެ ގަވައިދާ ހިލާފުވާނަމަ ނަސޭހަތާއި އިންޒާރު ދެވިދާނެ އެވެ. އަދި ކުށުގެ އަދަބެއްގެ ގޮތުގައި ފުރަތަމަ ފަހަރަށްނަމަ 500 ރުފިޔާ އަދި ދެވަނަ ފަހަރުނަމަ 1،000 ރުފިޔާ އިން ޖޫރިމަނާކުރެވިދާނެ އެވެ. ކުށް ތަކުރާރުކޮށްފިނަމަ އެ ފަރާތެއްގެ ލައިސަންސް ބާތިލްކުރުމުގެ ބާރުވެސް މިނިސްޓްރީ އަށް ދީފައިވެ އެވެ.

ސަރުކާރަށް ވަކި މުއްދަތެއް ދިނުމަށްފަހު މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ޓެކްސީ ސެންޓަރުތަކުން ރޭ ވަނީ ނިންމާފަ އެވެ.

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ނިންމާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތަށް ނިންމީ ތަކެތީގެ އަގުތަކަށާއި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ޓެކްސީ ޑްރައިވަރުންނަށާއި ސެންޓަރުތަކަށް ގެއްލުން ވަމުންދާތީ އެވެ.

އަގުތައް ބޮޑުކުރަން ގިނަ ޑްރައިވަރުންނަށް އެއްބަސްވެވޭނަމަ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އަގުތައް ފައިނަލް ކުރުމަށްފަހު ޓެކްސީ ސެންޓަރުތަކުގެ ތައްގަނޑު ޖަހައި ސޮއިކޮށް އެ ލިޔުން ޓްރާންސްޕޯޓް މިނިސްޓްރީ އަށް ފޮނުވުމަށްވެސް ނިންމާފައިވެ އެވެ.

ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ކަނޑައެޅި އަގުތައް:

  • - މާލޭ ސިޓީގެ އެތެރޭގެ ދަތުރުތައް - 30 ރުފިޔާ
  • - ހުޅުމާލެ ފޭސް ދޭއްގެ އެތެރޭ ދަތުރުތައް - 25 ރުފިޔާ
  • - ހުޅުމާލެ ފޭސް އެކެއްގެ އެތެރޭގެ ދަތުރުތައް - 25 ރުފިޔާ
  • - ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް - 40 ރުފިޔާ
  • - ހުޅުމާލެ ފޭސް ދޭކުން މާލެއަށް އަދި މާލެ އިން ހުޅުމާލެ ފޭސް ދޭކަށް - 120 ރުފިޔާ
  • - މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް - 100 ރުފިޔާ
  • - އެއާޕޯޓުން މާލެއަށް އަދި މާލެއިން އެއާޕޯޓަށް - 80 ރުފިޔާ
  • - އެއާޕޯޓުން ހުޅުމާލެއަށް އަދި ހުޅުމާލެއިން އެއާޕޯޓަށް - 80 ރުފިޔާ
  • - ހުޅުމާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ
  • - މާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ
  • - ހުޅުމާލެ ފޭސް ދޭކުން ހުޅުލެ ސީޕްލޭން ޓާމިނަލަށް - 120 ރުފިޔާ

ޓެކްސީ ސެންޓަރުތަކުން ނިންމާފައިވަނީ އަގުތައް ބޮޑުކުރުމަށް ސަރުކާރުން ހުއްދަ ނުދިން ނަމަވެސް ގިނަ ޑްރައިވަރުންނަށް އެއްބަސްވެވޭނަމަ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ބޮޑު އަގު ކަނޑައަޅައި، އެ އަގަށް ދަތުރުކުރުމަށެވެ.

މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެވޭނެ އަގުތަކުގެ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވަނީ މާލެ އާއި ހުޅުލެއަށް 60 ރުފިޔާ، ހުޅުމާލޭން ހުޅުލެ އަށް 60 ރުފިޔާ، މާލެ އިން ހުޅުމާލެ އަށް 75 ރުފިޔާ އަދި މާލެ އާއި ހުޅުމާލެ ތެރޭގައި 25 ރުފިޔާ އެވެ.