ސިޔާސީ ޕާޓީ ތަކަށް ދައުލަތުގެ މިއަހަރުގެ ބަޖެޓުން 32.9 މިލިއަން ރުފިޔާ ދިނުމަށް ނިންމައިިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ ގާނޫނުގައި ބުނާ ތާރީހަށް ޕާޓީ ތަކަށް ފައިސާ ދޫކުރުމަށް ކަމަށެވެ. އެކަން ގާނޫނުގައި ބުނާ ތާރީހަށް ކުރެވޭނީ ޕާޓީ ތަކުން ފޮނުވަންޖެހޭ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް އަވަހަށް ފޮނުވުމުން ކަމުގައި ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ ފައިސާ ލިބޭ ހަތަރު ޕާޓީގެ ތެރެއިން ބައެއް ޕާޓީ ތަކުން އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ހުށަހެޅި ނަމަވެސް ބައެއް ޕާޓީތަކުން އެކަން އަދިވެސް ނުކުރާ ކަމަށެވެ.
"އަޅުގަނޑުމެން އަދި ފިނޭންސް މިނިސްޓްރީން ވެސް އެ ތިއްބެވީ ގާނޫނުގައި ބުނާ މުއްދަތުގައި ފައިސާ ދުކުރުމަށް އިދާރީ ކަންކަމަށް ތައްޔާރުވެފައި. އެކަމަކު އަޅުގަނޑުމެންނަށް އެކަން ކުރެވޭނީ ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައި ބުނާ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ޕާޓީ ތަކުން ފޮނުވުމުން،" ފުއާދު ވިދާޅުވި އެވެ.
ދައުލަތުގެ ބަޖެޓުން މިއަހަރު ފައިސާ ލިބެނީ އެމްޑީޕީ އާއި ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އެވެ. މީގެތެރެއިން ޕީޕީއެމް ފިޔަވާ ދެން އޮތް ތިން ޕާޓީ އަކީ ވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީ ތަކެކެވެ.
ޕާޓީތަކަށް ފައިސާ ލިބޭ އަދަދާއި މެންބަރުންގެ އަދަދު:
- އެމްޑީޕީ - 15،024،009.96 ރުފިޔާ | 54،660 މެންބަރުން
- ޕީޕީއެމް - 9،410،483.51 ރުފިޔާ | 34،237 މެންބަރުން
- ޖޭޕީ - 5،526،669.74 ރުފިޔާ | 20،107 މެންބަރުން
- އަދާލަތު ޕާޓީ - 2،900،903.79 | 10،554 މެންބަރުން
ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޫކުރެވޭ ފައިސާ އަކީ ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 ޕަސަންޓާއި 0.2 ޕަސަންޓާ ދެމެދުގެ އަދަދެކެވެ.
ބަޖެޓުން ފައިސާ ލިބެނީ ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ހިނގަމުންދާ އަހަރު ފާސްކުރާ ދުވަހުގެ ކުރިން 10،000 މެންބަރުން ހިމެނޭ ޕާޓީ ތަކަށެވެ.