އެންޑީއޭ

އެންޑީއޭ އަށް ސީއީއޯ އަކު ހޯދަނީ

Mar 7, 2022
1

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯގެ މަގާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފި އެވެ.

ހިންގުން ބޮއްސުންލާފައިވާ އެންޑީއޭގެ ސީއީއޯގެ މަގާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފައި މިވަނީ އެ މަގާމު ހުސްކޮށް އޮންނަތާ ނުވަ މަސް ފަހުންނެވެ.

މިދިޔަ އަންގާރަ ދުވަހު ކޮށްފައިވާ އިއުލާންގައި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ތިން އަހަރު ދުވަހަށް އައްޔަންކުރާ މި މަގާމުގައި ހުންނަވާ ބޭފުޅަކަށް މަހަކު 31،500 ރުފިޔާ ލިބޭނެ އެވެ.

އެންޑީއޭ އިން ބުނީ ސީއީއޯގެ މަގާމަށް މީހަކު ހޯދަން އިއުލާންކުރުން ލަސްވީ އާ އޮނިގަނޑެއްގެ ދަށުން އެކަން ކުރަންޖެހުމުން ކަމަށެވެ.

އެންޑީއޭގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ހަބީބް، މިދިޔަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހު މަގާމުން ވަކިކުރުމަށްފަހު އެ މަގާމަށް މިއަދާ ހަމައަށްވެސް ބޭފުޅަކު ހަމަޖައްސާފައެއް ނުވެ އެވެ.

އެންޑީއޭގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ހަބީބު ވަނީ މިދިޔަ އަހަރު މޭ 16 ގައި އެ މަގާމުން ވަކިކޮށްފަ އެވެ.

ޖެންޑާ މިނިސްޓްރީގެ ދަށުން ކުރިން ހިންގަމުން ދިޔަ އެންޑީއޭ މިދިޔަ މެއި މަހުގެ ފަސްވަނަ ދުވަހު ވަނީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވެސް ކޮށްފަ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އެންޑީއޭ އުފައްދާފައިވީ ނަމަވެސް އެތަނުގެ ހިންގުން ވަރަށް ބޮޑަށް ދޯދިޔާވެ ރައްޔިތުންގެ މަޖިލީހުން ވެސް ދަނީ އެންޑީއޭގެ މައްސަލަތަކެއް ބަލަމުންނެވެ.

އެންޑީއޭގެ މައިގަނޑު މަސްއޫލިއްޔަތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ މުޖުތަމައަށް ނެރުމުގެ މަސައްކަތް ކުރުމެވެ. އެކަމަކު އެ މަސައްކަތުގައި އެންޑީއޭ ފެއިލްވެފައިވާ ކަމަށް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އާއިލާތަކުން ދަނީ ބުނަމުންނެވެ.