އެންޑީއޭ

އެންޑީއޭގެ ސީއީއޯގެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލައިފި

Oct 5, 2022

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯގެ މަގާމަށް ހުޅުވާލުމުން 12 ބޭފުޅަކު އެ މަގާމަށް ކުރިމަތިލައިފި އެވެ.

އެންޑީއޭގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމަށް މީގެކުރިން ހުޅުވާލި ފުރުސަތުތަކުގައި އެ މަގާމަށް މާބޮޑު ތަރުހީބެއް ނުލިބެ އެވެ. އެހެންވީ އޭރު އެ މަގާމުގެ މުސާރައަކީ ގާތްގަނޑަކަށް 12،500 ރުފިޔާ އެވެ.

އެންޑީއޭ އިން އެންމެ ފަހުން ސީއީއޯގެ މަގާމަށް ބޭފުޅު ހޯދަން އިއުލާން އިއުލާން ކުރީ މުސާރައާއި އެލަވަންސްތަކާ އެކު ޖުމްލަ 48،450 ރުފިޔާގެ މުސާރައެއް ލިބޭ ގޮތަށެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން އެންޑީއޭގެ ޗެއާމަން ޝަމާއު ޝަރީފް ވިދާޅުވީ ސީއީއޯގެ މުސާރަ ބޮޑުކުރުމަށްފަހު އިއުލާން ކުރުމުން އެ މަގާމަށް އޮތް ޑިމާންޑް ވަރަށް ބޮޑު ކަމަށެވެ. އަދި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކު މިމަހުގެ ތެރޭގައި މަގާމަށް އައްޔަންކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެން ވަރަށް ޑީޓެއިލްކޮށް މިދަނީ ކޮންމެ ބޭފުޅެއްގެ މައުލޫމާތު ވެސް ބަލަމުން. ވީހާވެސް ރަނގަޅަށް މިކަން ކުރެވޭނެ ބޭފުޅަކު އަޅުގަނޑުމެން ބޭނުންވަނީ،" ޝަމާއު ވިދާޅުވި އެވެ.

އެންޑީއޭ އަށް ސީއީއޯ އެއް ހޯދަނީ ތިން އަހަރުގެ މުއްދަތަކަށެވެ.

އެންޑީއޭގެ ސީއީއޯގ މަގާމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ހަބީބް، މިދިޔަ އަހަރުގެ މެއި 16 ވަނަ ދުވަހު މަގާމުން ވަކިކުރުމަށްފަހު އެ މަގާމަށް މިއަދާ ހަމައަށްވެސް ބޭފުޅަކު ހަމަޖައްސާފައެއް ނުވެ އެވެ.

ޖެންޑާ މިނިސްޓްރީގެ ދަށުން ކުރިން ހިންގަމުން ދިޔަ އެންޑީއޭ މިދިޔަ މެއި މަހުގެ ފަސްވަނަ ދުވަހު ވަނީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވެސް ކޮށްފަ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އެންޑީއޭ އުފައްދާފައިވީ ނަމަވެސް އެތަނުގެ ހިންގުން ވަރަށް ބޮޑަށް ދޯދިޔާވެ ރައްޔިތުންގެ މަޖިލީހުން ވެސް ދަނީ އެންޑީއޭގެ މައްސަލަތަކެއް ބަލަމުންނެވެ.

އެންޑީއޭގެ މައިގަނޑު މަސްއޫލިއްޔަތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ މުޖުތަމައަށް ނެރުމުގެ މަސައްކަތް ކުރުމެވެ. އެކަމަކު އެ މަސައްކަތުގައި އެންޑީއޭ ފެއިލްވެފައިވާ ކަމަށް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އާއިލާތަކުން ދަނީ ބުނަމުންނެވެ.