އެންޑީއޭ

އެންޑީއޭގެ ސީއީއޯގެ މުސާރަ ބޮޑުކުރުމަށްފަހު މީހަކު ހޯދަނީ

Aug 4, 2022

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯގެ މުސާރަ ބޮޑުކުރުމަށްފަހު އެ މަގާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފި އެވެ.

އެންޑީއޭގެ ސީއީއޯގެ މަގާމަށް މީހަކު ހޯދުމަށް ކުރިން ދެ ފަހަރު އިއުލާންކުރުމުން ވެސް އެކަށީގެންވާ އިޖާބައެއް ލިބިފައެއް ނުވެ އެވެ

އެންޑީއޭގެ ސީއީއޯ އަށް ކުރިން ދެމުން ގެންދިޔައީ އަަސާސީ މުސާރައިގެ ގޮތުގައި 18،000 ރުފިޔާއާއި، ލިވިން އެލަވަންސަށް 12،000 ރުފިޔާއާއާއި، ފޯން އެލަވަންސަށް 1،000 ރުފިޔާއާ އެކު ޖުމްލަ 31،500 ރުފިޔާ އެވެ.

ތިން އަހަރުގެ މުއްދަތަކަށް ސީއީއޯއެއް ހޯދުމަށް ތިންވަނަ ފަހަރަށް ކުރި އިއުލާންގައި ޖުމްލަ މުސާރަ ވަނީ 48،450 ރުފިޔާ އަށް ބޮޑުކޮށްފަ އެވެ.

މަގާމަށް ޝައުގުވެރިވާ ބޭފުޅުންނަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ. މި މަގާމަށް ކުރިމަތިލެވޭނީ މާސްޓާސް ޑިގްރީ ނުވަތަ ކަމާ ގުޅުންހުރި ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައި އޮތުމާއެކު ލީޑަޝިޕްގައި ފަސް އަހަރު ނުވަތަ ހިންގުމުގެ ދާއިރާގައި 10 އަހަރު މަސައްކަތްކޮށްފައިވާނަމަ އެވެ.

ހިންގުން ބޮއްސުންލާފައިވާ އެންޑީއޭގެ ސީއީއޯގެ މަގާމު ހުސްކޮށް އޮންނަތާ 14 މަސް ވެއްޖެ އެވެ.

އެންޑީއޭގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ހަބީބް، މިދިޔަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހު މަގާމުން ވަކިކުރުމަށްފަހު އެ މަގާމަށް މިއަދާ ހަމައަށްވެސް ބޭފުޅަކު ހަމަޖައްސާފައެއް ނުވެ އެވެ.

ޖެންޑާ މިނިސްޓްރީގެ ދަށުން ކުރިން ހިންގަމުން ދިޔަ އެންޑީއޭ މިދިޔަ އަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހު ވަނީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވެސް ކޮށްފަ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އެންޑީއޭ އުފައްދާފައިވީ ނަމަވެސް އެތަނުގެ ހިންގުން ވަރަށް ބޮޑަށް ދޯދިޔާވެ ރައްޔިތުންގެ މަޖިލީހުން ވެސް ދަނީ އެންޑީއޭގެ މައްސަލަތަކެއް ބަލަމުންނެވެ.

އެންޑީއޭގެ މައިގަނޑު މަސްއޫލިއްޔަތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ މުޖުތަމައަށް ނެރުމުގެ މަސައްކަތް ކުރުމެވެ. އެކަމަކު އެ މަސައްކަތުގައި އެންޑީއޭ ފެއިލްވެފައިވާ ކަމަށް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އާއިލާތަކުން ދަނީ ބުނަމުންނެވެ.