ދުނިޔެ

ބައިޑަން ޒެލެންސްކީއާ މަޝްވަރާ ކުރައްވަނީ ސިއްރުން

ޔުކްރޭން އަސްކަރީ ގޮތުން ގާބިލްކޮށް ރަޝިއާއާ ކުރިމަތި ލެވޭ ފެންވަރަށް ބާރު ގަދަ ކުރުމަށް އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަނުން ވަނީ ހަނގުރާމައިގެ އެތައް ދުވަހެއް ކުރިން މަސައްކަތް ފަށާފަ އެވެ.

ހަމަ އެފަދައިން ޔުކްރޭންގެ ރައީސް، ވޮލޮދިމިރު ޒެލެންސްކީއާ މުވާސަލާތު ކުރެއްވުމަށް އަސްކަރީ ދަރަޖައިގެ އާލާތްތައް އެމެރިކާއިން ވަނީ ފޯރުކޮށްދީފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޒެލެންސްކީ އާއި ބައިޑަން އަދި ޔޫރަޕިއަން ޔޫނިއަންގެ ވެރިން މަޝްވަރާ ކުރައްވަނީ ސަލާމަތީ ގޮތުން ވަރަށް ރައްކާތެރި މުވާސަލާތީ ނެޓްވޯކެއް މެދުވެރި ކޮށެވެ.

ނިއުޔޯކް ޓައިމްސް ބުނާ ގޮތުން ޒެލެންސްކީ ވަޑައިގަންނަވާ ކޮންމެ ތަނަކަށް ގެންދެވޭ ގޮތަށް މުވާސަލާތީ އާލާތްތައް ހުންނަނީ ޑިޒައިންކޮށްފަ އެވެ. އެގޮތުން މަދު ސިކުންތުކޮޅެއްގެ ތެރޭގައި ބައިޑަން އަދި އެފަދައި އެދިވަޑައިގަންނަވާ ކޮންމެ ބޭފުޅަކު ޒެލެންސްކީއާ މަޝްވަރާ ކުރައްވަ އެވެ.

އެމެރިކާ އާއި ޔޫރަޕުން ޔުކްރޭން ބޭނުން ހިފަނީ ރަޝިއާއަށް ގެއްލުން ދިނުމަށެވެ. ރަޝިއާގެ ބާރު ކަނޑުވާލެވޭ ވަރުގެ އިދިކޮޅު ބާރެއް އެ ސަރަހައްދުގައި އުފައްދައި އެމެެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަންގެ މަދަދާއެކު ދެމެހެއްޓުމަކީ ދުރާލާ ވިސްނައިގެން އެމެރިކާއިން ހިންގާ ވަރަށް ފުޅާ އަސްކަރީ ޕްރޮގްރާމެކެވެ.

ޔޫރަޕް ގައުމުތަކުން ޔުކްރޭނަށް މިހާރު ކޮށްދޭ ކަމަކީ ޖާސޫސްކޮށް ދިނުމެވެ. އެގޮތުން ރަޝިއާގެ ފައުޖުތައް އުޅޭ ނޫޅޭ ގޮތް ހޯދާ ބަލައި އެމީހުންގެ ހަރަކާތްތައް ހުންނަ ގޮތް ޔުކްރޭންގެ އަސްކަރިއްޔާއަށް ފޯރުކޮށްދެ އެވެ.

އަސްކަރީ ޚަބަރުތަކަށް ޚާއްސަ ވެބްސައިޓްތަކުން ރަޝިއާ ޔުކްރޭން ހަނގުރާމައިގައި ހިނގާ ކަންތައްތައް ކިޔައިދީފައި ހުންނައިރު، އެމެރިކާގެ އެފް-35 ފައިޓަރުތައް ޔުކްރޭން ސަރަހައްދަށް މިހާރު ވެސް ވަދެ އެވެ.

އެމެރިކާ ޖެޓްތައް ބޯޑަރު ސަރަހައްދުގައި ދުއްވަނީ ރާޑަރަށް ނާރާ ގޮތަށް ހާޑްވެއާ ބަދަލު ކޮށްގެން ކަމަށް ބުނެވެ އެވެ.