އައިލެންޑް އޭވިއޭޝަން

ދަތުރު އަގު ބޮޑު ކުރާ ވިސްނުމެއް ނެތް: އައިއޭއެސް

ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއި ގުޅިގެން ގެއްލުންތަކެއް ލިބޭނެ ކަމަށާއި އެހެންނަމަވެސް ދަތުރުތަކުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ގައުމީ އެއާލައިން -- މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން ބުނެފި އެވެ.

އައިއޭއެސް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދުނިޔޭގެ ތެލުގެ ބާޒާރަށް އައިސްފައިވާ ބޮޑު ބަދަލާ ގުޅިގެން ކުންފުންޏަށް ލިބޭނެ ގެއްލުންތަކެއް އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެން އަދިއެއް ނުވިސްނަން އަގުތަކަށް ބަދަލެއް ގެންނާކަށް. އެހެންނަމަވެސް ތެލުގެ އަގު މައްޗަށް ދާނަމަ އަޅުގަނޑުމެން ޖެހޭނެ ގޮތްތަކެއް ހޯދަން،" ޖެނިފާ ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަނަކީ ރާއްޖެ އަށް އަންނަ ބޭރުގެ ވަރަށް ގިނަ އެއާލައިންތަކުގެ އެއާކްރާފްޓްތަކަށް ހިދުމަތް ދީގެންވެސް ރަނގަޅު އާމްދަނި ހޯދާ ކުންފުންޏެކެވެ.

އެކަމާ ގުޅުވާ ޖެނިފާ ވިދާޅުވީ ރަޝިއާ / ޔުކްރޭން ހަނގުރާމައާ ގުޅިގެން ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާ އެކު ބައެއް އެއާލައިންތަކުން ނިންމާ ނިންމުންތަކެއްގެ ސަބަބުން ވެސް އައިލެންޑް އޭވިއޭޝަނަށް ލިބޭ ގެއްލުން އިތުރަށް ބޮޑުވެދާނެ ކަމަށެވެ. އެކަމަކު ކުންފުންޏަށް ލިބޭ ގެއްލުން އިތުރަށް ވަޒަންކުރަން އެނގޭނީ ހާލަތަށް އަންނަ ބަދަލާ އެކު ކަމަށްވެސް ވިދާޅުވި އެވެ.

"ރަޝިއާގެ ގައުމީ އެއާލައިން އެއަރޯފްލޮޓުގެ ދަތުރުތައް ވެސް މިހާރު މިވަނީ ރާއްޖެއަށް ހުއްޓާލާފައި. އެހެން ބައެއް ފްލައިޓްތައް ވެސް މިހާލަތުގައި އެކަހަލަ ފިޔަވަޅެއް އަޅައިފިނަމަ ގެއްލުން ބޮޑުވާނެ،" ޖެނިފާ ވިދާޅުވި އެވެ.

ކޮވިޑް 19ގެ އެންމެ ކުރީކޮޅު އައިލެންޑް އޭވިއޭޝަނަށް ލިބެމުންދިޔަ ގެއްލުން ކުޑަކުރުމަށް ސަރުކާރުން ވަނީ އެކުންފުންޏަށް މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ލިބިދާނެ ގެއްލުންތަކަށް ބަލައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ ދެންނެވުމުން ޖެނިފާ ވިދާޅުވީ އެހާ ހިސާބަށް ދާން ޖެހިއްޖެނަމަ ސަރުކާރުން ގޮތްތަކެއް ނިންމާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. ގެއްލުން ކުޑަކުރަން މިވަގުތު ވަކި ހާއްސަ ފިޔަވަޅުތަކެއް އަޅަން އަދި ނިންމާފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަން އަކީ ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ދަތުރުކުރާ ހަމައެކަނި އެއާލައިނެވެ. އައިއޭއެސް އިން ގެންދަނީ ބައެއް އެއާޕޯޓްތައް މެނޭޖުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.