ރާއްޖޭގައި އުފައްދާ އުފެއްދުންތަކާއި އަދި އެތެރެކުރާ ފަންނީ އުފެއްދުންތައް އާންމުކުރުމުގެ ކުރިން ތަފާތު އުމުރުފުރާތަކަަށް އެކަށޭނެ ގޮތަށް އެ އުފެއްދުންތައް ގިންތިކޮށް ދަރަަޖަކުރަން ފެށުމުން ފަންނުވެރިންނަށް ބޮޑު ތަކުލީފަކަށް ވެދާނެކަމަށް ވިދާޅުވެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް(ސައްލެ) ފާޑުވިދާޅުވެއްޖެ އެެވެ.
ސަލީމް އެފަދައިން ފާޑުވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހެޅި "ފަންނީ އުފެއްދުންތައް ގިންތިކުރުމާއި ދަރަޖަ ކުރުމުގެ ގާނޫނު"ގެ ބިލަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގެ ތެރެއިން އެވެ.
ބިލުގެ ބަހުސްގައި ސަލީމް ވިދާޅުވީ ބިލަކީ މުހިންމު ބިލެއް ކަމަށާއި އެެހެން ނަމަވެސް ބިލު މިހާރު އޮތް ގޮތުން ބޮޑެތި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ބިލެއް ގާނޫނަކަށް ވުމުގެ ކުރިން އެ ގާނޫނަކީ ފަސޭހައިން ތަންފީކުރެވޭ ގޮތަށް ބައްޓަން ކުރެވިފައިވާ ގާނޫނަކަށް ވާން ޖެހޭ ކަމަށެވެ.
އެހެން ނަމަވެސް ގިންތިކުރުމުގެ ގާނޫނު ތަންފީޒުކުރަން ފެށުމުން ފޮތެއް، ފިލްމެއް ނުވަތަ ކުރެހުމެއް ކުރަހާަ ކޮންމެ ފަހަރަަކު ގިންތިކުރަން ޖެހޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން މަސައްކަތްތައް ލަސްވެ ފުނި ޖެހި މީހުން ފަންނުވެރި މަސައްކަތްތަކުގައި އުޅެން ފަސް ޖެހެން ފަށައިފާނެ ކަމަށެވެ.
"މިހެން ހަދަން ވެއްޖެނަމަ ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވާނެ. އަދި އެ ފަންނީ ދާއިރާތަކުން މީހުން ކުރިއަށް ދިއުމަށް ވެސް ފޫހިކަމެއް ކުރިމަތިވުމަކީ އެކަށީގެންވާކަމެއް. އޭގެ ބަދަލުގައި އަޅުގަނޑު ދެކޭ ގޮތުގައި ކަމާ ބެހޭ ފަރާތުން އެކުލަވާލަން ޖެހޭނީ ގިންތި ކުރުމާއި ދަރަޖަ ކުރުމުގެ މިންގަނޑުތަކެއް. އަޅުގަނޑުގެ އިހުތިޔާރަށް ދޫކޮށްލަންވީ އަޅުގަނޑު ލިޔާ ފޮތް އެއީ 18 އަހަރުން މަތިތޯ. 18 އަހަރުން ދަށްތޯ ކަނޑައަޅާ ޝާއިއުކުރުމަށް" ސަލީމް ވިދާޅުވި އެވެ.
ގިންތި ކުރުމުގެ ގާަނޫނުގައިވާ ގޮތުން އެ ބިލު ގާނޫނަކަށް ވުމުން ރާއްޖޭގައި އުފައްދާ ނުވަތަ އެތެރެކުރާ ފިލްމާއި ސައުންޑް ރިކޯޑިންއާއި ފޮޓޯއާއި ކުރެހުން ފަދަ އުފެއްދުންތައް އާންމުކުރެވޭނީ ނެޝެނަލް ކްލެސިފިކޭޝަން އޮފް ބިއުރޯއިން އެ އުފެއްދުންތައް ގިންތި ކުރުމުން ނެވެ. ނަމަވެސް އަމިއްލަ ބޭނުމަށާއި ފަތުރުވެރިން އެތެރެކުރާ އުފެއްދުމާއި އަދި ޑައުންލޯޑް ކުރާ އުފެއްދުންތައް އިސްތިސްނާ ވާނެ އެވެ.
އުފެއްދުންތައް ގިންތިކުރާ އިރު ހުރިހާ އުމުރެއްގެ މީހުންނަށް ބެލޭ ނުވަތަ ވަކި އުމުރު ފުރާތަކަށް އެކަށީގެންވާ ގޮތަށް ގިންތި ކުރެވޭނެ އެވެ. އަދި ގިންތި ކުރުމުގައި އާންމު އިޖުތިމާއި މިންގަނޑުތަކާއި ޖިންސީ ކަންކަމާއި އަނިޔާވެރިކަން ހުރި މިންވަރަަށް ރިއާޔަތްކުރަން ޖެހޭނެ އެވެ.