ދުންޔާ މައުމޫން

"ސިޔާސީ ދާއިރާއަށް އަންހެނުން ގިނަ ކުރަން ޖެހޭ"

Mar 8, 2022

ރާއްޖޭގެ ސިޔާސީ މައިދާނަށް އަންހެނުން އިތުރު ކުރަން ޖެހޭ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ އަންހެނުންގެ ވިންގުގެ ލީޑަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ދުންޔާ މިފަދައިން ވިދާޅުވެފައި ވަނީ އަންހެނުންގެ ދުވަހަށް ހާއްސަ ކޮށްގެން އެމްއެންޕީ އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ދުންޔާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އަންހެނުންގެ ނިސްބަތް ވަރަށް މަދު ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ވެސް 76 މެމްބަރުންގެ ތެރެއިން ތިބީ އެންމެ ހަތަރު މެމްބަރުން ކަމަށާއި، އަންހެނުންގެ އަޑު ގަދަކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ސިޔާސީ ދާއިރާ ނޫނަސް އެހެން ދާއިރާތަކުގައި ވެސް އަންހެނުން ބާރުވެރި ކުރުވުމަށް ދުންޔާ ގޮވައިލެއްވި އެވެ. އަންހެނުންނަށް ކުރާ ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާފަދަ ކުށްތަކަށް އަރައިގަންނަ މީހުންނަށް ހައްގު އަދަބު ލިބެން ޖެހޭ ކަމަށާއި އިންސާފު ގާއިމް ކުރުމަށް ވެސް ގޮވައިލެއްވި އެވެ.

ރާއްޖޭގައި ދަރިމައިވާ އަންހެނުން ވިހެއުމުގެ ތެރޭގައި މަރުވާކަން ފާހަގަކުރައްވަމުން ދުންޔާ ވިދާޅުވީ، އެމީހުންނަށް ފިރިންގެ ލޯތްބާއި އަޅައިލުން ގިނަފަހަރަށް ނުލިބޭ ކަމަށެވެ. އެމީހުންނަށް ލިބެންޖެހޭ ލޯތްބާ އަޅައިލުން ދޭން ޖެހޭނެ ކަމަށާއި، އަންހެނުންގެ ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެގޮތުން ރާއްޖޭގެ އަންހެނުން އެންމެ ބޭނުންވަނީ އިންސާފާއި، ހަމަހަމަކަމާއި، ހިމާޔަތާއި، ރައްކާތެރިކަމާއި ސުލްހަ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.