އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ހޮވުމަށް ބާއްވާ އިންތިހާބުގައި ޕާޓީގެ މެންބަރުންގެ ތެރެއިން ހުރިހާ އަންހެން މެންބަރުންނަށް ވޯޓް ލެވޭނެ ގޮތް ހަމަޖައްސަން ގައުމީ މަޖިލީހުން ފާސް ކޮށްފި އެވެ.
ގައުމީ މަޖިލީހުގެ މިރޭގެ ޖަލްސާގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ވޯޓްލާ މީހުންގެ ރަޖިސްޓްރީއެއް ނެތުމުން ޕާޓީގެ މެންބަރުންގެ ތެރެއިން ހުރިހާ އަންހެން މެންބަރުންނަށް ވޯޓް ލެވޭނެ ގޮތަށް ހަމަޖައްސައި ދިނުމަށް ވަނީ ހުށައަޅާފަ އެވެ.
އެ ހުށައެޅުމަށް ގައުމީ މަޖިލީހުގެ 115 މެންބަރުން ވަނީ ތާއީދު ކޮށްފަ އެވެ. އަދި މިރޭގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ އެ ގޮތަށް ފާސް ކޮށްފަ އެވެ.
އަންހެނުންގެ ރޫހުގެ ރައީސާ ހޮވުމަށް ބާއްވާ އިންތިހާބު ވޯޓް ދެވޭނީ އަންހެން މެންބަރުންނަށެވެ. އަންހެން މެންބަރުންގެ ހާއްސަ ދަފްތަރެއް އަދި އެމްޑީޕީގައި ނެތެވެ. އެހެން ކަމުން އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ ހުރިހާ އަންހެން މެންބަރުންނަށް އެއްވެސް އިސްތިސްނާއެއް ނެތި ވޯޓް ދެވޭނެ ގޮތް ހެދުމަށް ހުށައެޅީއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމުގެ މަގާމަށް ވާދަ ކުރައްވަނީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި އެމްޑީޕީގެ ހަރަކާތްތެރި މެންބަރެއް ކަމަށްވާ ސަފާތު އަހުމަދު ޒާހިރު އެވެ. ރޮޒައިނާ ވަނީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މިނިސްޓަރު ފައްޔާޒުގެ ޓީމާ ގުޅިވަޑައިގެންފައެވެ. އެހެން ކަމުން ދެ ބޭފުޅުންގެ ކެމްޕެއިން ހިންގަނީ އެކު އެކީގައެވެ.
ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީގެ ޓީމާއެކު ސަފާތު ދަނީ ކެމްޕެއިން ކުރައްވަމުންނެވެ.