ދުނިޔެ

"ޔުކްރޭންގައި ހުރި ބަޔޯ ފެސިލިޓިތައް ރަޝިއާ އަތުޖެހިދާނެ"

ޔުކްރޭންގައި ހުރި "ބަޔޮލޮޖިކަލް ރިސާޗް ފެސިލިޓީ"ތައް ރަޝިއާގެ އަތުޖެހުމަކީ ވަރަށް ބޮޑު ނުރައްކަލަކަށް ވާނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ޕޮލިޓިކަލް އެފެއާޒް، ވިކްޓޯރިއާ ނަލަންޑް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުން ބަޔޯ މަރުކަޒުތައް ރަޝިއާގެ އަތްދަށަށް ގޮސްފި ނަމަ އެމެރިކާއާ ދެކޮޅަށް ބޭނުންކުރުމުގެ ނުރައްކާ ވަރަށް ބޮޑެވެ.

އެމެރިކާގެ ގާނޫން ހަދާ މަޖިލީހަށް މައުލޫމާތު ދެއްވަމުން ނަލަންޑް ވިދާޅުވި ގޮތުން ޔުކްރޭންގެ އޮފިޝަލުންނާ ގުޅިގެން ބަޔޯ ފެސިލިޓީތައް ރައްކާތެރި ކުރެވޭތޯ ބައްލަވާ ކަމަށެވެ.

އެހެން ނަމަވެސް ރަޝިއާގެ އަސްކަރިއްޔާއިން ބަޔޯ ރިސާޗް ފެސިލިޓީތައް ޖަހައިގެންފާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓަރީން ކުރިން ބުނި ގޮތުން ޔުކްރޭންގައި ބަޔޮލޮޖިކަލް ހަތިޔާރު އުފައްދައް މަސައްކަތް ކޮށްފައި ހުރި ކަމަށެވެ. އަދި އެކަމާ ބުޅުން ހުރި ލިޔުންތަކެއް ވެސް ޑިފެންސް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

ރަޝިއާގެ މިބުނުމަށް އެމެރިކާގެ ޕެންޓަގަން އެއިރު ވަކި އެއްޗެއް ނުބުނެ އެވެ. އެހެން ނަމަވެސް ދުވަސްތަކެއް ފަހުން ބަޔޯ ފެސިލިޓީތަކާ ބެހޭ ގޮތުން ކަންބޮޑުވާ ކަމަށް ވަނީ ބުނެފަ އެވެ.

ޔުކްރޭންގައި ބަޔޯ ފެސިލިޓީ އުފައްދަން މަސައްކަތް ކުރަނީ އެމެރިކާއިންނެވެ.

ރަޝިއާ ބުނާ ގޮތުން ޔުކްރޭންގައި 30 އަށް ވުރެ ގިނަ ބަޔޯ ފެސިލިޓީ އެބަހުއްޓެވެ. މަރުކަޒުތަކުން ކުރާ މަސައްކަތަކީ ބަޔޯ ހަތިޔާރު އުފަންދަން މަގުފަހި ކުރުން ކަމަށް ރަޝިއާ ބުނެ އެވެ.

ރަޝިއާއިން މިހާރު ވަނީ އެ ފެސިލިޓީތައް ތަހުލީލްކުރުމުގެ މަރުހަލާތައް ފަށާފަ އެވެ. އެތަންތަނުގައި ހިންގާފައި ހުރި ޕްރޮގްރާމްތައް ހޯދައި ކޮށްފައި ހުރި މަސައްކަތްތަކުގެ އަސްލު ދެނެގަތުމަށް ސާމްޕަލްތަކެއް ލެބޯޓަރިތަކަށް ފޮނުވާފައިވާ ކަމަށް ވެސް ރަޝިއާ ބުނެ އެވެ.