ރަޝިއާއިން އެމެރިކާއަށް ހަކަތައިގެ އެއްވެސް ބާވަތެއް އެތެރެކުރުން ޖޯ ބައިޑަންގެ ސަރުކާރުން މަނާ ކޮށްފި އެވެ.
މި އަމުރުގައި ސޮއި ކުރެއްވުމަށް ފަހު ބައިޑަން ވިދާޅުވީ ރަޝިއާގެ ހަކަތައާ ނުލައި އެމެރިކާ ދެމި އޮންނާނެ ކަމަށެވެ.
އެމެރިކާއިން މަނާ ކުރީ ތެލާއި ދުގުރަތީ ގޭސް އަދި ބޯޓުދެލި އެތެރެ ކުރުމެވެ.
އެމެރިކާގެ އުންމީދަކީ އިގުތިސޯދީ ގޮތުން ރަޝިއާއަށް ދަތިކޮށް ބަނޑަށް ޖެއްސުމެވެ.
ބައިޑަން ވިދާޅުވި ގޮތުން އެމެރިކާއަށް ފުދޭ ވަރަށް އެމެރިކާގައި ހަކަތަ އުފައްދަ އެވެ. ތެލާއި ގުދުރަތީ ގޭސް އަދި ހަކަތައިގެ ގޮތުގައި ބޭނުން ހިފާ ހުރިހާ ބާވަތެއް އެމެރިކާގައި އުފައްދަ އެވެ. އެހެން ކަމުން ރަޝިއާގެ ހަކަތައާ ނުލައި އެމެރިކާ ރައްޔިތުންތަނަށް ދިރި އުޅެވޭނެ އެވެ.
ޔުކްރޭނަށް ރާޝިއާ ސިފައިން އަރައިގަނެ ހިންގަމުން ގެންދާ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް މުޅި ދުނިޔެ ކަހަލަ ގޮތަކަށް އޮތީ ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ.
ރަޝިގައި ހުރި މަޝްހޫރު ފިހާރަތަކާއި ކެފޭ ހޮޓާތައް ވެސް ވަނީ ބަންދު ކޮށްފަ އެވެ. މިފަދައިން ބަންދުކުރި ތަންތަނަނީ ބޭރު ގައުމުތަކަށް ނިސްބަތްވާ ތަންތަނެވެ.
އިނގިރޭސިވިލާތުން ބުނި ގޮތުން ރަޝިއާގެ ހަކަތައަށް ބަރޯސާކުރުން އެގައުމުން ވެސް ހުއްޓާލާނެ އެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ހަކަތައިގެ ހުރިހާ ބާވަތެއް ހުއްޓާލާނެ އެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތުން ރަޝިއާގެ ހަކަތައަށް ބަރޯސާކުރުން ހުއްޓާލި ނަމަވެސް ޔޫރަޕް ގައުމުތަކަށް އަދި އެކަން ކުރެވޭކަށް ނެތެވެ. އެއީ އެގައުމުތަކަށް ބޭނުންވާ ކަހަތަ އެއަށް ވުރެ ހެޔޮ އަގުގައި ލިބޭނެ އެހެން ގޮތެއް ތަނަވަސްވެފައި ނެތުމުންނެވެ.