އިސްލާމް ދީނުގެ ދިފާއުގައި ހުރިހާ ދިވެހީން ނިކުންނަން ޖެހޭ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ސަލީމް މިހެން ވިދާޅުވީ މިއަހަރު ރައްޔިޔުންގެ މަޖިލިސް ފެށުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނަށް މިއަދު މަޖިލީހުގައި ޖަވާބު ދެއްވަމުން ނެެވެ.
ދީނުގެ ބޮޑެތި މައްސަލަަތައް ހުރި ނަމަވެސް ރައީސްގެ ރިޔާސީ ބަޔާނުގައި އެފަދަ މައްސަލަތަކަށް އަލި އަޅުވާލައިނުވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
އެގޮތުން ދީނަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް(އެމްޑީއެން)އިން ނެރުނު ރިޕޯޓާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމާއި އަދި އެމްޑީއެންގައި އުޅުނު ބައެއް މީހުން އަދިވެސް މަގާމުތަކުގައި ހުރުމުން ސަލީމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ހަމަ އެހެންމެ ދީނަށް ފުރައްސާރަކުރާ މިހުން ދޫކޮށްލުމާއި އެފަދަ މީހުން އިސްލާހުކުރާނެ ކަމަށް ރައީސްގެ ރިޔާސީ ބަޔާނުގައި ނެތުމުން އިސްލާމް ދީނުގެ ހިމާޔަތުގައި ސަރުކާރުން މިހާތަނަށް ވެސް އަދި ކުރިމަގުގައި ވެސް މަސައްކަތެއް ނުކުރާނެކަން ހާމަވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
މީގެ އިތުރުން މިސްކިތްތަކުގެ ހުރުމަތް ކަނޑާއިރު ވެސް ސަރުކާރުން ފިޔަވަޅުތައް ނާޅާކަން ސަލީމް ފާހަގަކުރެއްވި އެވެ.
"މިސްކިތުގެ ހުރުމަތް ކަނޑާ މީހުންނަކީ މޮޔައިންކަމަށް ހަދައި، އެއްވެސް ފިޔަވަޅެއްނާޅާ، މިސްކިތްތަކަށް ކުޑަކަމުގޮސް، ކީރިތި ގުރުއާނަށް ކުޅުޖެހުންފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ހިންގާ ފަރާތްތައް މުޖްތަމައުތެރެއަށް ދޫކޮށްލުމަކީ ނުހަނު ކަންބޮޑުވާ ކަމެއް." ސަލީމް ވިދާޅުވި އެވެ.
ދަރިވަރުންގެ ފޮތްތަކުން ގުރުއާނުގެ އާޔަތްޔައް އުނިކުރަން ސަރުކާރުން ކުރި މަސައްކަތް ސަލީމް މިއަދު ކުށްވެރިކުރެއްވި އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ރާއްޖޭގެ އިސްލާމީ ހަޟާރަތު ބަލިކަށިކޮށް، އިސްލާމީ ވަހުދަތު ނަގާލައި، ދިވެހިންގެ އިސްލާމީ އަގީދާ ބަލިކަށިކުރުމަށް، ބޭރުގެ ނުފޫޒާއެކު ރޭވައިގެން ކުރަމުންދާ ކަންކަމެވެ.
"ރާއްޖޭގެ އިސްލާމީ ވަޙުދަތު ރައްކާތެރިކުރުމަށް މުޅިދިވެހި އުންމަތް ތެދުވަންޖެހޭ! އެހެންނޫންނަމަ ދުވަހަކުވެސް ނުދެކޭފަދަ ހިތި ތަޖުރިބާއެއް ކުރަންޖެހިދާނެ" ސަލީމް ވިދާޅުވި އެވެ.