ރައްޔިތުންގެ މަޖިލިސް

ރިޔާސީ ބަޔާނަކީ ހިޔާލީ ވާހަކަތަކެއް: ސަލީމް

މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ފައްޓަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނުގައި ހުރީ ހިޔާލީ ވާހަކަތަކެއް ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމް މިހެން ވިދާޅުވީ މިއަހަރު ރައްޔިޔުންގެ މަޖިލިސް ފެށުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނަށް މިއަދު މަޖިލީހުގައި ޖަވާބު ދެއްވަމުން ނެެވެ.

ސަލީމް ވިދާޅުވީ ރައީސްގެ ބަޔާނުގައި ގައުމުގެ ހާލަތު އެކަށީގެންވާ ގޮތެއްގައި ބަޔާންކޮށް ދެއްވާފައިނުވާ ކަމަށެވެ.

އެ ބަޔާން ސަލީމް ސިފަކުރެއްވީ ސިޔާސީ ބަޔާނެއްގެ ގޮތުގަ އެވެ. އަދި އެ ބަޔާނުގައި ހުރި ގިނަ ވާހަކަތަކަކީ އެއްވެސް ޒިންމާދާރުކަމެއް ނެތި ދެއްވި ބަޔާނެއް ކަމަށެވެ.

"އެ ބަޔާނުގައި ދެއްކެވި ގިނަ ވާހަކަތަކަކީ، ނަތީޖާއެއް ނުނެރެވޭނެ، އެއްވެސް ކަހަލަ ރޭވުންތެރިކަމެއް، ދުރު ރާސްތާގެ އަމާޒެއްނެތި، ދެއްކެވި ހުސް ވާހަކަތަކެއް. ހިޔާލީ ވާހަކަތަކެއް.މިއީ ޒިންމާދާރުކަން ކުޑަ ކަމެއް." ސަލީމް ވިދާޅުވި އެވެ.

ސަލީމްގެ ވާހަކައިގައި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ފާހަގަކޮށް ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.

އެގޮތުން އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ މައްސަލަތަކާއި ބޯހިޔާ ވަހިކަމުގެ މައްސަލަ އަދި ކޮރަޕްޝަންގެ މައްސަލަތައާއި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމުގެ މަައްސަލަ ނެންގެވި އެވެ.

"ރައްޔިތުންގެ އިތުބާރު މިވަނީ ގެއްލިފައި، ރައްޔިތުންމިވަނީ މާޔޫސްވެފައި. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްކަމަށް ވިދާޅުވެ މުޅި ދައުލަތް ކޮރަޕްޝަންގެ ބޮޑު ހާއްޔަކަށްވަނީ ވެފައި. ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ދަނީ ދަށަށް. ވަޢުދުވި ތަނަވަސްކަމެއް ރައްޔިތުންގެ ޖީބަށް ނުވަދެ އިތުރަށް ކުރިމަތިވާނީ ނިކަމެތިކަމާއި ހާސްކަން." ސަލީމް ވިދާޅުވި އެވެ.

އެހެންކަމުން އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދެވޭފަދަ އަދި ރާއްޖޭގެ ހުރިހާ ރައްޔިތުން އެދޭފަދަ އާަ ސަރުކާރެއް އެކުލަވައިލުމަށްޓަކައި ރައީސް ސޯލިހު އިސްތިއުފާ ދެއްވުމަށް ގޮވާލެއްވި އެވެ.