ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ގިނަވާތީ ރިކަވާ ކުރަން އުނދަގޫ ގެއްލުން މުޅި ގައުމަށް ލިބޭ ކަމަށާއި ރާއްޖޭގައި ކަނޑުގެ އިގްތިސޯދެއް އޮތުމުން ކަނޑުމަތީގެ ސަލާމަތީ ކަންކަން އިތުރު ކުރަން ޖެހޭކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ މިއަހަރު ތެރޭގައި ކަނޑުމަތީގެ ހާދިސާތައް ކަނބޮޑުވާ އަދަދަކަށް އިތުރުވެފައިވާތީ އެފަދަ ހާދިސާތައް މަދު ކުރުމަށް ގާނޫނުތަކާއި ގަވައިދުތައް އެކަށީގެންވާ ގެންދިއުމަށް އިސްކަންދަރުކޮށީގައި މިއަދު ފެށި މަހާސިންތާއެއްގައި ވާހަކަފުޅު ދައްކަމުން ނެވެ.
ސައީދު ވިދާޅުވީ މި ސަރުކާރުން އިގްތިސޯދީ ގޮތުން ޓޫރިޒަމާއި އެހެން ދާއިރާތަކަށް ވެސް އިންގިލާބީ ބަދަލު ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ރާއްޖެއަކީ ކަނޑުގެ އިގްތިސޯދެއް އޮންނަ ގައުމެއް ކަމަށާއި އެހެން ގައުމު ތަކަށްވުރެ ބޮޑަށް ޒިންމާ އުފުލާ ކަނޑުމަތީ ސަލާމަތީ ކަން އިތުރު ކުރަން ޖެހޭކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
"..ނަމަވެސް މިހާރު މިގޮތަކަށް ދިމާވާ ނުރައްކާތެރި ހާދިސާތަކުގެ ސަބަބުން ފުރާނަތަކެއް ވެސް ގެއްލިގެން މިދަނީ. އެހެންވެ މިފަދަ ހާދިސާ ތަކުގެ ސަބަބުން ހަގީގަތުގައި ވެސް ރިކަވާ ކުރަން އުންދަގޫ [އިއާދަ ކުރަން ދަތި] ބޮޑެތި ގެއްލުންތަކެއް މުޅި ގައުމަށާއި، ވިޔަފާރި ކުރާފަރާތްތައް އަދި އާންމު ފަރުދުންނަށް ވެސް ލިބެމުންދޭ،" ސައީދު ވިދާޅުވި އެވެ.
ކަނޑުމަތީގައި ހިނގާ ހާދިސާތައް ކުޑަ ކުރުމުގެ ގޮތުން ސަރުކާރުން މިހާރުވެސް ގަވައިދުތަކަށް ގެނެވިފައިވާ ބަދަލުތައް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މިހާރު ގެނެވިފައިވާ ބައެއް ބަދަލުތަކުގެ ތެރެއިން ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ޕެޓްރޯލް ނުވަތަ ގޭސްފުޅި ފަދަ އެއްޗެހި ވަކި ދުވަހަކުން ފަށައިގެން އުފުލުން މަނާ ކުރުމާއި އުޅަނދުތަކުގައި މުވާސަލާތީ އަދި ސަލާމަތީ ވަސީލަތްތައް އިތުރު ކުރަން ނިންމާފައި ކަމަށެވެ. މީގެ އިތުރުން ލައިސެންސް ނެގުމަށް ވަކި ހާއްސަ ތަމްރީންތަކެއް ހެދުމަށް ވެސް ހަމަޖައްސާފައިވާ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީއާއި ޓްރާންސްޕޯޓް އޮތޯރިޓީ އަދި ކޯސްޓްގާޑާއި މެރިން ޕޮލިހުން ގުޅިގެން ކަނޑުމަތީ ހާދިސާތައް މަދުކުރުމަށް މަހާސިންތާއެއް ފެށި އިރު މިއަދު ހެނދުނު ވެސް ވަނީ ލޯނޗެއްގައި ރޯވެ ހުލިވެފަ އެވެ. އެހެން ނަމަވެސް އޭގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.