މުހައްމަދު ސައީދު

ޒިންމާދާރުކަން ކުޑަ ކެޕްޓަނުންގެ ލައިސަންސް ދާއިމީކޮށް ހިފަހައްޓަނީ

ކަނޑުމަތީ ހާދިސާތަކުގައި ޒިންމާދާރުކަން ކުޑަކޮށް އަމަލުކުރާ ކެޕްޓަނުންގެ ލައިސެންސް ދާއިމީކޮށް ހިފަހައްޓަން ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ އެކަން ކުޑަކުރަން އިކޮނޮމިކް މިނިސްޓްރީ އާއި، ޓްރާންސްޕޯޓް އޮތޯރިޓީ އަދި ކޯސްޓްގާޑް އިން ކުރިޔަށް ގެންދިޔަ މަހާސިންތާގައި މިނިސްޓަރު ސައީދު މިއަދު ވިދާޅުވީ ކަނޑުމަތީ ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރަން ސަލާމަތާއި ރައްކާތެރިކަން ގާއިމް ކުރުމުގެ ގޮތުން ހެދިފައި ހުންނަ ގަވައިދުތަކާއި ގާނޫނުތައް ފެންވަރަު ރަނގަޅު ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މިހާރުވެސް ވާނީ މިކަންކަން ހައްލުކުރުމަސް ބައެއް ގަވައިދުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ ކަމަށެވެ.

"ނުރައްކާތެރި އެކްސިޑެންޓު ވެގެން މެރިން ޕޮލިސްއާއި ލޯ އެންފޯސްމަންޓް އޭޖަންސީސް ތަކުން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ކަން ހިނގައި ދިޔައީ ކެޕްޓަން، ފަޅުވެރިން ނުވަތަ އުޅަނދުގެ މައްސަލައަކުން އަދި ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށް ސާބިތު ވެއްޖެ ނަމަ އެކަން ވަރަށް ސީރިޔަސް ކޮށް ނަގާނަން. އަދި ފަސަންޛަރުންގެ ސަލާމަތައްޓަކައި ލައިސެންސް ހިފަހައްޓަން ޖެހިއްޖެ ހާލަތެއްގައި އެއްގޮތަކަށްވެސް ލައިސެންސް ނުދީ ނަމަވެސް ހިފަހައްޓާނަން،" ސައީދު ވިދާޅުވި އެވެ.

ކަނޑުމަތީ ގައި ނުރައްކާތެރި ހާދިސާތައް މިއަހަރު ތެރޭގައި ދުވަހުން ދުވަހަށް ގިނަ ވަމުންދާ ކަމަށް ފުލުހުން ބުނެފައިވާ އިރު އެކަން ހައްލު ކުރުމަށް ގަވައިދަށް ގެނެސްފައިވާ އެހެނިހެން ބަދަލުތަކު ތެރެއިން ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ޕެޓްރޯލް ނުވަތަ ގޭސްފުޅި ފަދަ އެއްޗެހި ވަކި ދުވަހަކުން ފަށައިގެން އުފުލުން މަނާ ކުރުމާއި އުޅަނދުތަކުގައި މުވާސަލާތީ އަދި ސަލާމަތީ ވަސީލަތްތައް ގިނަ ކުރުމުގެ އިތުރުން ލައިސެންންސް ދިނުމަށޤ ހާއްސަ ޓްރެއިނިން އެއް ހެދުމަށް ނިންމައިފާވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.