ރޮޒައިނާ އާދަމް

ތުހުމަތު: ގައުމީ މަޖިލީސް ހޫނުކުރީ އީވާއާ އިންތި

ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލްވުން "ހޫނުކުރީ" އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީ (އިންތި) އާއި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ތުުހުމަތު ކުރައްވައިފި އެވެ.

ގައުމީ މަޖިލީހުގެ ރޭ ގެ ބައްދަލްވުން ހޫނުވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އަށް ވާހަކަ ދެއްކެވުމަށް ދިން ފުރުސަތު ހަމަވުމުންވެސް އޭނާ ވާހަކަ ދެއްކެވުން ހުއްޓާނުލައްވާ މިނިސްޓަރު ފައްޔާޒަށް ފާޑުވިދާޅުވާން ފެއްޓެވުމުންނެވެ. އެއާއެކު ފައްޔާޒަށް ތާއީދު ކުރައްވާ މެންބަރުން ވަނީ ކޮޅަށް ތެދުވެ އަޑުގަދަ ކުރައްވާފައެވެ. ރިޔާސަތުގެ މޭޒުން ތަކުރާރުކޮށް އެދުމުންވެސް އާޒިމް ވަނީ މައިކް ދެއްވަން ދެކޮޅު ހައްދަވާ ވާހަކަ ކުރިއަށް ގެންދަވާފައެވެ.

މެންބަރުން ކޮޅަށް ތެދުވެ ގައުމީ މަޖިލީހުގެ ނިޒާމު ގެއްލުމުންވެސް މެންބަރު އީވާ އާއި އިމްތިޔާޒު ފަހުމީ ގޮޑީގައި މަޑުމަޑުން އިންނަވާ މަންޒަރު ފެނެއެވެ. އަދި ދެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ހިނިތުންވެލައްވާ އަތްޖަހާލާ މަންޒަރު ފެނެއެވެ. އެ ވީޑިއޯ ވައިރަލްވުމުން އިމްތިޔާޒަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އޭނާގެ މަޑުމައިތިރިކަމާ އެ ހާލަތުގައި އަމަލު ކުރެއްވި ގޮތަށް ތައުރީފު ކުރައްވާފައެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ގެންނަން ބޭނުންވަނީ އެފަދަ ބޭފުޅެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ތައުރީފު ކުރައްވާފައިވެއެވެ.

ނަމަވެސް އެ މަންޒަރު ސިފަ ކުރެވުނު ގޮތް މިނިސްޓަރު ފައްޔާޒުގެ ސަޕޯޓަރުންނަށް ތަފާތުވިއެވެ. އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެ ވީޑިއޯއިން އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިނގި ކަންކަން ރޭވި މީހުންނާއި އެ ބައްދަލްވުމުގައި ހަމަނުޖެހުން އުފެދުމުން އުފާވީ މަންޒަރު ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމަށެވެ.

"އަލީ އާޒިމް ލައްވާ މުޅި ގައުމީ މަޖިލީސް ހަރާބުކޮށްފައި އެކަމާ އީވާ އާއި އިންތި އުފާފާޅުކޮށް އަތްޖަހާ މަންޒަރު މި އޮތީ ރީޗަށް ފެންނަން. ޕާޓީ ބައިބައި ކުރަން އުޅޭ މީހުންނާއި އަޑީގައި ތިބެގެން ރާއްވާ ހުތުރު ކަންކަން މިއޮތީ ފެނި ހާމަވެފައި،"

ރޮޒައިނާ ވިދާޅުވީ ރޭ ފެނުނީ ހިތާމަވެރި މަންޒަރެއް ކަަމަށެވެ. އަދި އެމްޑީޕީ ހަލާކު ކުރަނީ ކަމަށް ވަކި ބައެއްގެ ބޮލުގައި އަޅުވާފައި އަޑީގައި ތިބެގެން ހަމަ ނުޖެހުން އުފައްދާ ހުތުރު ކަންކަން ރާވަނީ އެހެން ބައެއް ކަމަށް ވިދާޅުވިއެވެ.