މަނަދޫ

މަނަދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް

Mar 9, 2022

ނ. މަނަދޫގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑާއެކު އިސްލާމިކް މިނިސްޓްރީ އިން ސޮއިކޮށްފި އެވެ.

އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީން މުހައްމަދެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އެވެ.

365 ދުވަސްތެރޭގައި އެއް ފަންގިފިލާއަށް އިމާރާތް ކުރާ ގޮތަށް ހަމަޖެހިފައިވާ މި މިސްކިތަކީ ދިވެހި ދައުލަތުން 15.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަންހެނުންނަށްވެސް ނަމާދުކުރެވޭނެ އިންތިޒާމް ކުރާގޮތަށް ހަމަޖެހިފައިވާ މި މިސްކިތް އިމާރާތް ކުރަން ނިންމީ މިވަގުތު ނ. މަނަދޫގައި ހުރި މިސްކިތްތަކުގެ ޖާގަ ކުޑަވެފައިވާތީ އާއި އަލަށް އާބާދުވާ ހިސާބުގައި މިސްކިތެއް ނެތުމުގެ ސަބަބުންނެވެ.

2021 ވަނަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ މަސައްކަތްތައް ނިމޭއިރު އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިސްކިތުގައި ފާހާނާ އާއި ވުޟޫކުރާބައި ގުދަން އަދި މުންނާރެއް ހުންނާނެއެވެ.