މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ގާލާ އިވެންޓަށް ސިންތެޓިކް ޓްރެކް ވަގުތީ ގޮތުން ބަންދު ކުރަން ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.
ގިނަ އަހަރުތަކެއްގެ މެދު ކެނޑުމަށް ފަހު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަލުން ބާއްވަން ނިންމާ ވަރަށް ކުލަގަދަ ކޮށް ގާލާ އިވެންޓް ބޭއްވުމަށް އެ މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ.
މިނިސްޓަރު މަހުލޫފް ވިދާޅުވީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ގާލާ އިވެންޓަށް 550 މެހެމާނުންނަށް ދައުވާ ދޭނެ ކަމަށެވެ. އެ އިވެންޓް ބޭއްވުމަށް ސިންތެޓިކް ޓްރެކް ބޭނުން ކުރާއިރު މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޓްރެކް ބަންދު ކުރާނެ ކަމަށެވެ.
އަދި ވިދާޅުވީ ސިންތެޓިކް ޓްރެކްގެ ބޭނުން ކޮންމެ ދުވަހަކު އެތައް ބަޔަކު ކުރާތީ އެ ނޫން ތަނެއްގައި އިވެންޓް ބޭއްވުމަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ހެންވޭރު ދަނޑާއި ގަލޮޅު ދަނޑު އަދި ކާނިވާ ސަރަހައްދުވެސް އެ އިވެންޓަށް ކުޑަ ކަމަށެވެ.
"ހަފްލާގެ ތައްޔާރީތަކަށް ކުރަންޖެހޭ ބައިވަރު އަދި ބުރަ މަސައްކަތަށް ތާށިވެ ދަތިވި ނަމަވެސް ޓްރެކް އެއްކޮށް ބަންދު ކުރާނީ އެންމެ ކުރު މުއްދަތަށް. އެމައުލޫމާތު ހިއްސާކުރަމުން ގެންދާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި ކުޅިވަރު އެވޯޑު ތަކަކީ ވަރަށް ކުލަގަދަކޮށް ކުރާކަމަކަށް ވުމުން މިނިސްޓްރީންވެސް މަސައްކަތް ކުރަމުން ދަނީ އެކުވެރި ބައެއް ގައުމު ތަކުގެ ވަޒީރުން އަދި ވަރުގަދަ ކުޅިވަރު ޝަހުސިއްޔަތުތައް ގެނެސްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ފުރިހަމަ ހަފްލާއަށް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހެދުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިކަމުގެ ސަބަބުން ކުޅިވަރު އެތުލީޓުންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބި ކުޅިވަރުގެ ކުރިއެރުމަށް ދެވޭ ބާރަކަށް ވާނެ. އަދި މިހަފްލާގައި ބައިވެރިވާ ލެޖެންޑުން މެދުވެރިކޮށް އެތަށް މިލިއަން ބައެއްގެ މެދުގައި ރާއްޖެ ކުޅިވަރުގެ ޒަރިއްޔާއިން އިޝްތިހާރުވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.