ރާއްޖޭގެ ގައުމީ މާ -- ފިނިފެންމަލަށް ނިސްބަތްކޮށް މަސްމަހާމެހީގެ ލިސްޓުގައި މަހެއް ހިމަނައިފި އެވެ.
އަލަށް ނަންދީފައިވާ މި މަހަކީ ލެބްރިޑައި ނުވަތަ ހިކާ އާއިލާއަށް ނިސްބަތްވާ ކިރިލެބްރަސް ބާވަތުގައި ނުވަތަ ޖީނަސްގައި ހިމެނޭ މަހެކެވެ.
މި މަހަށް ސައިންޓިފިކް ނަން ދީފައިވަނީ ރާއްޖޭގެ ގައުމީ މަލަށް ނިސްބަތްކޮށް ކިރިލެބްރަސް ފިނިފެންމަލުގެ ނަމުންނެވެ. މަހުގެ އާންމު ނަމަކަށް އިނގިރޭސި ބަހުން ކިޔުމަށް ކަނޑައަޅާފައިވަނީ ރޯސް ވެއިލްޑް ފެއަރީ ރާސް އެވެ.
މިގޮތަށް ނަން ދީފައިވަނީ މި މަހުގައި ހުންނަ ފިޔާތޮށި ކުލައަށް ނިސްބަތް ކޮށެވެ. މިމަސް އެންމެ ގިނައިން ފެންނަނީ ރާއްޖެ އާއި ސްރީލަންކާ ސަރަހައްދުގައިވާ ފަރުތަކުގެ ފުން ހިސާބުތަކުން، ގާތްގަނޑަކަށް 40-70 މީޓަރު ފުނުންނެވެ.
މިމަހަށް މުޅިން އަލަށް ނަމެއް ދީފައިވީނަމަވެސް މިއީ ދިރޭ ކުދިމަސް އެކްސްޕޯޓް ކުރާ މީހުންގެ ވިޔަފާރީގައި މިހާރުވެސް ބޭނުންކުރަމުންދާ މަހެކެވެ.
މީގެ ކުރިން މި މަހަށް ބޭނުންކޮށްފައިވަނީ ޗާގޯސް ސަރަހައްދުން ފެންނަ މަހެއް ކަމަށްވާ ކިރިލެބްރަސް ރަބްރިސްކުއަމިސް މަހުގެ ނަމެވެ. ނަމަވެސް ކެލިފޯނިއާ އެކަޑަމީ އޮފް ސައިންސަސްގެ "ހޯޕް ފޯ ރީފްސް އިނިޝިއަޓިވް"ގެ ދަށުން އެ އެކަޑެމީ އާއި، ޔުނިވަސިޓީ އޮފް ސިޑްނީއާއި، އޮސްޓްރޭލިއަން މިއުޒިއަމް ރިސާޗް އިންސްޓިޓިއުޓާއި، ފީލްޑް މިއުޒިއަމް އޮފް ނެޗުރަލް ހިސްޓްރީއާއި އަދި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް ގުޅިގެން ވަރަށް ފަހުން ކުރި ދިރާސާ ތަކުގެ އަލީގައި މި މަހަކީ ޗާގޯސް ސަރަހައްދުން ފެންނަ މަހާ މުޅިން ތަފާތު މަހެއްކަން ވަނީ ޔަގީންކޮށްފަ އެވެ.
ދިރޭތަކެތީގެ ނަސްލާއި އަދި މުޅިން އަލަށް ފެންނަ ދިރޭތަކެތީގެ ދިރާސާތައް ޝާއިއުކުރާ ސައިންޓިފިކް ޖާނަލްއެއް ކަމަށްވާ ޒޫކީސްގައި ކްރްހިލަބްރަސް ފިނިފެންމާ އަކީ މުޅިން އާ މަހުގެ ބާވަތެއްކަން ދެނެގަނެވުނު ދިރާސާ ވެސް މިހާރު ވަނީ ޝާއިއުކޮށްފަ އެވެ. މި މަހުގެ ސައިންޓިފިކް ނަން ކަނޑައެޅުމާ އެކު، ދިވެހި ބަސްބަހާ ގުޅުވައިގެން ސައިންޓިފިކް ނަން ދީފައިވާ މަދު މަސްމަހާމެހީގެ ލިސްޓުގައި ކިރިލެބްރަސް ފިނިފެންމާ ވެސް ވަނީ ހިމަނާފަ އެވެ.
މިމަހުގެ އިތުރުން ރާއްޖޭގެ ފުން ފަރުތަކުގައި ގާތްގަނޑަކަށް 50-150 މީޓަރާއި ދެމެދު އެކުލެވޭ ދިރުންތައް ދެނެގަތުމަށްޓަކައި "ހޯޕް ފޯ ރީފްސް އިނީޝިއެޓިވް"ގެ ދަށުން ކެލިފޯނިއާ އެކެޑަމީ އޮފް ސައިންސަސް އާއި ގުޅިގެން އެމްއެމްއާރްއައި އިން މި އަހަރު ކޮށްފައިވާ މަސައްކަތްތަކުން، ދުނިޔޭގައިވެސް މުޅިން އަލަށް ފެނިފައިވާ ކަމަށް ބެލެވޭ އަށް ބާވަތެއްގެ މަހުގެ ސާމްޕަލް ނަގާފައިވެ އެވެ.
މި މަސްތަކާއި މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ސަރަހައްދުން ހޯދޭ އާ އެހެން މަސްމަހަށްވެސް ނަން ކަނޑައެޅުމުގައި، އެމަހެއް ތަމްސީލުކުރާ ފަދަ ދިވެހި ބަހެއް ހިމަނައިގެން ނަން ކަނޑައެޅުމަށް ރާވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ.