ފުވައްމުލަކުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް މިހާރު ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން އިތުރު މަގެއް އެ ފެންވަރަށް ހަދަން ބޭނުންވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލްގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައިފި އެވެ.
ކައުންސިލުން، ރައީސް އަރިހުގައި އެކަމަށް އެދިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލައް ސިޓީ ތަމްސީލުކުރައްވާ މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި ރައީސް އޮފީހުގައި މިއަދު އޮތް ބައްދަލްވުމެއްގައެވެ.
މި ބައްދަލުކުރެއްވުމުގައި ފުވައްމުލައް ސިޓީގެ ކައުންސިލް މެންބަރުން ވަނީ އެ ސިޓީގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ކަންކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާ އެ ސިޓީގައި މިހާރު ހިނގަމުންދާ މަޝްރޫއުތަކުގެ ދުވެލި ހަލުވިކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރައްވާފައެވެ. މި ގޮތުން ބަނދަރާއި މަގު ހެދުމުގެ މަޝްރޫއު އާއި ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރާވާފައިވާ މަސައްކަތް ފާހަގަ ކުރެއްވިއެވެ.
ފުވައްމުލަކުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް މިހާރު ކުރިއަށްގެންދާ މަޝްރޫއަ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ކައުންސިލް މެންބަރުން ވަނީ އެ މަސައްކަތްތަކާ ގުޅިގެން އެ ސިޓީގެ އިތުރު މަގުތަކެއް ހެދުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ކަން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. ކައުންސިލް މެންބަރުން ފާހަގަކުރެއްވި ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ކަމަށް އެދެވޭ ހައްލެއް ހޯދައިދެއްވުމަށް ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރައްވާނެ ކަމުގައި ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ ކުނީގެ މައްސަލަ ހައްލުކުރުމާއި އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އެ ސިޓީގައި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރެއް ގާއިމު ކުރުމުގެ މުހިންމު ކަމާއި ކުށްކުރުން މަދުކުރުމާއި އަމަން އަމާންކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާއި ކައުންސިލުގެ މާލީ ބާރުވެރިކަން އިތުރުކޮށް އާމްދަނީ އިތުރު ކުރެވޭނެ މަގުފަހިކުރުމުގެ އިތުރުން ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ކުރިމަތިވާ ދަތިތައް ހައްލުކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.