ސަރުކާރުން ވިޔަފާރި ކުރުމާ ދުރަށް ދާން ޖެހޭ ވާހަކަ އަބަދު ވެސް ދައްކަ އެވެ. އެކަމަކު އެކަން އަމަލީ ގޮތުން މިހާތަނަށް ދެއްކިފައި ނެތޭ ބުނެވިދާނެ އެވެ. އެކަމަކު ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އިން މިހާރު ނަގަން އުޅޭ "ދިގު ފިޔަވަޅު" ން މިކަން އަމަލީ ގޮތުން ފެނިގެން ދާނެ އެވެ؛ އެއީ އެ ކުންފުނީގެ ބޮޑު ފިހާރަ ސުޕަ މާކެޓުގެ މުދާ ރެކުތައް ކުދި ވިޔަފާރި އަށް ހިތަކަށް ދޫކޮށްލައި ސުޕަ މާކެޓުގެ މޫނު މަތި ބަދަލުކޮށްލާނެ ބޮޑު ބަދަލުންނެވެ. އެކަން ފުރިހަމަކޮށް މި އަހަރުގެ ރޯދަ އަށް މިމަހުގެ މެދުތެރޭގައި ސުޕަ މާކެޓު އަލުން ހުޅުވާލާނެ އެވެ.
"އެންމެ ބޮޑު ބަދަލީ މިތަނުގެ މާހައުލު. މިތަން [ސުޕަމާކެޓު] ން ކުދި ވިޔަފާރިވެރިންނަށް މިދޭ ފުރުސަތު،" މި ބޮޑު ބަދަލުގެ ހުލާސާއެއް ދެމުން އެސްޓީއޯ އޮފިޝަލަކު ވިދާޅުވި އެވެ.
އެސްޓީއޯ ސުޕަމާކެޓު އަލުން މި މަހު ހުޅުވާއިރު ފެންނާނެ އެންމެ ބޮޑު ބަދަލަކީ މި ތަނުގެ ޖާގަ ތަނަވަސްކަމެވެ. މިހާރު ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައި އޮތް ހަދަމުންދާ މިތަނުގައި ހަރުކޮށްފައިވާ ބިތްގަނޑުގައި ލިޔެފައިވާ ގޮތަށް ވިއާ ގެޓިން ބިޔާ ޓު ސާވް ޔޫ ބެޓާ އަށް މިތަން ވަމުންދާ ތައްޔާޔެވެ. މިކަން ކުރަން މިހާރު ހުރި ސުޕަ މާކެޓުގެ ޖާގަ ދެ ގުނަ ބޮޑުކޮށްލާނެ އެވެ.
އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ ސުޕަމާކެޓު އިއްޔެ އަވަސް އަށް ވަނީ ދައްކާލާފަ އެވެ. މި ފިހާރައިގެ ތެރެ އަށް ވަދެގެން ދިޔައިރު ހިތަށް އެރީ މިކަން ކުރިން ނުކުރީ ކީއް ވެގެން ބާ އެވެ؟ ރާއްޖޭގައި މިވަރުގެ ފުރިހަމަ ފިހާރަތައް ހަދަން ލަސްވެސް ވެއްޖެ އެވެ.
ފިހާރައިގެ އެތެރޭގެ ތަނަވަސްކަމާއެކު ފަސޭހައިން މުދާ ލިބޭ ގޮތަށް ބޭރުގައި ހުންނަ ބޮޑެތި ފިހާރަ ތަކަށް ދާ މީހުންނަށް މިތަން ހުޅުވުމުން ފެނިގެންދާނީ ސުޕަ މާކެޓަކަށް ވުރެ ބޮޑަށް ސުޕަ ސްޓޯރެއް ކެވެ.
އެސްޓީއޯ އިން ބޮޑު ބަދަލެއް ގެނެސް ހުޅުވާ "މުޅިން އާ" މި ފިހާރާ ގައި ރާއްޖޭގެ މަޝްހޫރު ކުންފުނިތަކުގެ މުދާ ވިއްކާ ރެކުތައް އަތުރާލާފައި ހުންނާނެ އެވެ. މީގެތޭގައި އާއްމު މުދާ ވިއްކާ ކުންފުނިތަކާއި އިލެކްޓްރޯނިކްސް ސާމާނު ވިއްކާ މަޝްހޫރު ކުންފުނިތައް ވެސް ހިމެނެ އެވެ. އަދި މިތަން ހުޅުވުމުން އެސްޓީއޯގެ ކަސްޓަމަރުންނަށް ލިބޭނެ ހިތްހަމަ ޖެހުމަކީ "އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް" ވެސް މި "ސުޕަ ސްޓޯރު" ގެ ތެެރެއިން ފެނުމެވެ. އެތަނުގެ މުދާ އެއް ފިހާރައެއްގެ ތެރެއިން ލިބެން ހުރުމުގެ ހިތް ހަމަޖެހުމެވެ.