އުފަން ދެ ދަރިންނަށް ޖިންސީ ގޯނާ ކޮށްގެން ދަށު ދެ ކޯޓުން ސަލާމަތްވެފައިހުރި ބައްޕައެއްގެ މައްޗަށް ކުށް ސާބިތުވެ، 20 އަހަަރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
މިހާދިސާ ހިނގާފައި ވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ކުދިންގެ ބައްޕަ އެކުންދިންނަށް ޖިންސީ ގޯނާ ކޮށްފައި ވަނީ ކުދިންގެ މަންމަ ބަލިވެގެން ޑޮކްޓަރަށް ދައްކަން މާލެ ދިއުމުންނެވެ. ކުދިން ބަހައްޓާފައި ތިބީ މަންމަ ފަރާތު އާއިލާ ކައިރީގަ އެވެ. އެކުދިންނާ ގައިގޯޅިވެ އުޅޭ މަންޒަރު ކުދިންގެ ބޮޑުދައިތައާއި އިތުރު މީހަކަށް ފެނިފައިވެ އެވެ. އަދި އެއްކުއްޖަކު އެކަމާ ރުޅިއައިސްގެން ހަޅޭއްލަވައިގަތް އަޑު ވެސް ބޮޑުދައިތައަށް އިވިފައިވެ އެވެ. އެކަން ރިޕޯޓު ކުރީ ވެސް އާއިލާއިންނެވެ. މި މައްސަލައިގައި ކުދިންގެ ބައްޕަގެ ނަން އުނިކޮށްފައި ވަނީ އެކުދިންގެ މައުލޫމާތު ސިއްރުކުރުމަށެވެ.
ދައުލަތުން ކުދިންގެ ބައްޕަގެ މައްޗަށް އުފުލައިފައި ވަނީ އާއިލާގެ މެމްބަރަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ. ދައުވާއަށް އިންކާރުކުރުމަށްފަހު އޭނާ ބުނެފައި ވަނީ ދައުވާ ސާބިތުކުރެވޭ ވަރަށް މައްސަލައިގައި ހެކި ވެސް ނެތް ކަމަށެވެ.
މި މައްސަލައިގައި ދަށު ދެ ކޯޓުން ވެސް ކަނޑައަޅައިފައި ވަނީ ކުދިންގެ ބައްޕަގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އެހެންކަމުން ދައުލަތުން ސުޕްރީމް ކޯޓަށް ގެންދިޔަ މި މައްސަލައިގައި އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ މި މައްސަލައިގައި ދަށު ކޯޓުތަކުން ހެކިން ވަޒަންކޮށްފައިވާ ގޮތާމެދު ސުވާލު އުފައްދައިފަ އެވެ. އެކުދިންނާމެދު ޖިންސީ އަމަލު ހިންގަނިކޮށް ދެ މީހަކަށް ފެނިފައިވެ އެވެ. އެކުދިން ވެސް ވަނީ އެކި މީހުންނަށް ބައްޕަ ކަންތައް ކުރަމުން އައި ގޮތް އެކި މީހުންނަށް ކިޔައިދީފަ އެވެ. އެގޮތުން ކުއްޖާގެ ފަހަރިއަށާއި އިތުރު ތިން މީހަކަށް އެވާހަކަތައް ކިޔައިދީފައިވެ އެވެ. އެ އެންމެން ވެސް ވަނީ ދަށު ކޯޓުގައި ހެކިބަސް ދީފަ އެވެ.
ކުދިންގެ ބައްޕަގެ ފަރާތުން ބުނެފައި ވަނީ އެކުދިންގެ ބޮޑުދައިތައަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށާއި އެހެންކަމުން އޭނާގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށެވެ. ހުކުމުގައި ބުނެފައި ވަނީ ހެކިބަސް ބަލައި ނުގަނެވޭނެ ފަދަ ސިކުނޑީގެ އުނިކަމެއް އެކުދިންގެ ބޮޑުދައިތަގެ ނެތް ކަމަށެވެ.
އަދި ހާއްސަކޮށް އެކުދިން އަމިއްލައަށް ކަން ހިނގާފައިވާ ގޮތް ކިޔައިދީފައިވާއިރު، މި މައްސަލައިގައި ކުދިންގެ ބައްޕައާ ދެކޮޅަށް ވަރުގަދަ ހެކިތަކެއް ހުރި ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން، ފެމެލީ އެންޑް ޗިލްޑްރެންސް ސާވިސް ރިޕޯޓުންނާއި ކުދިންގެ މެޑިކަލް ރިޕޯޓުން ވެސް ކުދިންނަށް ޖިންސީ ގޯނާކޮށްފައިވާކަން އެނގެން އޮވެ އެވެ.
އެހެންކަމުން ކުދިން ދައްކާފައިވާ ވާހަކަތަކާއި، ރިޕޯޓުތަކާއި ޝަފަހީ ހެކިންގެ ހެކިބަހުން މި މައްސަލަ ސާބިތުވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުދިންގެ ބައްޕަ 20 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.