ޓެކްސީގެ ހިދުމަތް

އަގު ބޮޑުކޮށްދޭނެ ކަމުގެ ޔަގީންކަމެއް ނުދެއްވި!

Mar 10, 2022
5

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާއާ ބައްދަލުކުރުމުން ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައި ނުވާ ކަމަށް ޓެކްސީ ސެންޓަރުތަކުން ބުނެފި އެެވެ.

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ޓެކްސީ ސެންޓަރުތަކުން ޓްރާންސްޕޯޓް މިނިސްޓްރީ އަށް ފޮނުވި ސިޓީއާ ގުޅިގެން މިނިސްޓަރު ނަހްލާ ޓެކްސީ ސެންޓަރުގެ އިސްވެރިންނާ ބައްދަލުކުރެއްވީ އިއްޔެގެ ވަގުތެއްގަ އެވެ.

މިބައްދަލުވުމުގެ މައުލޫމާތު ހިއްސާކުރެއްވި ޓެކްސީ ސެންޓަރެއްގެ އިސްވެރިޔަކު އަވަސް އަށް ވިދާޅުވީ ދަތުރުތަކުގެ އަގު ބޮޑުކޮށްދެވޭނެ ކަމަކަށް މިނިސްޓަރު އެއް ފަހަރުވެސް ވިދާޅުވެފައި ނުވާ ކަމަށެވެ. އެކަމު ޓެކްސީ ސެންޓަރުތަކުން ފާހަގަކުރި ބައެއް އެހެން މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް އޭނާ މައުލޫމާތު ދެއްވި އެެވެ.

"މިނިސްޓަރު ދެންނެވީ ޓެކްސީގެ އަގަށް ގެންނަ ބަދަލަކީ އެތައް ރައްޔިތުންނަކާ ގުޅިފައިވާ ހިދުމަތަކާ ގުޅޭ އަގެއް ކަމަށްވާތީ އެއީ ޕޮލިސީ ލެވަލްގެ ނިންމުމެއް ކަމަށް. އެހެންވެ އަގަށް ބަދަލެއް ގެންނަ ނަމަ ގެނެވޭނީ ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރުމަށްފަހު ކަމަށް. އެކަމުގައި ވަކި މުއްދަތެއް ވެސް ނުދެއްވި،" އޭނާ ވިދާޅުވި އެވެ.

ޓެކްސީ ތަކުގައި މީޓަރު ހަރުކުރުން އަވަސް ކޮށްދިނުމަށްވެސް ސެންޓަރުތަކުން މިނިސްޓަރަށް ހުށަހެޅި އެވެ. އެކަމުގައި އަދިވެސް ފަންނީ ބޭފުޅުންގެ މެދުގައި ދިރާސާތަކެއް ކުރަންޖެހޭތީ މީޓަރު ހަރުކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނީ ވެސް ދިރާސާތަކަށް ފަހު ކަމަށް މިނިސްޓަރު މައުލޫމާތު ހިއްސާކުރެއްވި ކަމަށްވެސް ވިދާޅުވި އެެވެ.

އޭނާ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޓެކްސީތަކަށް ހާއްސަކޮށްފައިވާ ކިޔުއަށް ޕްރައިވެޓް ކާރުތައް އަރައި އެތައް އިރަކު އޮންނާތީ ދިމާވާ މައްސަލަތަކާއި ގެއްލުންތައް ވެސް މިނިސްޓަރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

"މިނިސްޓަރު ވިދާޅުވީ އެމްއޭސީއެލްއާ ވާހަކަދައްކާފައި ކައިރި މުސްތަގުބަލެއްގައި އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް،" މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވި އެވެ.

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ސަރުކާރުން ހުއްދަ ދީފައި ނުވާތީ ޓެކްސީ ދަތުރުތައް ހުއްޓާލުމަށް ނުވަތަ އަމިއްލަ އަށް އަގު ބޮޑުކުރުމާ މެދު މިއަދު ގޮތްތަކެއް ނިންމާނެ ކަމުގައިވެސް މައުލޫމާތު ދެއްވި ޓެކްސީ ސެންޓަރުތަކުގެ ވެރިންނާއި ބައެއް ޑްރައިވަރުން ވިދާޅުވެފައިވެ އެވެ. އަގު ބޮޑުކޮށްގެން ޖޫރިމަނާކުރާނަމަ ދަތުރުތައް ހުއްޓާލާނެ ކަމަށްވެސް ބައެއް ޑްރައިވަރުން ބުނެފައިވެ އެވެ.

ޓެކްސީ ސެންޓަރުތަކުން ވަނީ ސަރުކާރުން ހުއްދަ ނުދިން ނަމަވެސް މިއަދުން ފެށިގެން ދަތުރުތަކުގެ އަގު ބޮޑުކުރަން ނިންމާފަ އެވެ. އެގޮތަށް ނިންމީ ތަކެތީގެ އަގުތަކަށާއި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ޓެކްސީ ޑްރައިވަރުންނަށާއި ސެންޓަރުތަކަށް ގެއްލުން ވަމުންދާތީ އެވެ. ނަމަވެސް އަގުތައް ބޮޑުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުލުހުން ވަނީ އަންގާފަ އެވެ.

ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ކަނޑައެޅި އަގުތައް:

  • - މާލޭ ސިޓީގެ އެތެރޭގެ ދަތުރުތައް - 30 ރުފިޔާ
  • - ހުޅުމާލެ ފޭސް ދޭއްގެ އެތެރޭ ދަތުރުތައް - 25 ރުފިޔާ
  • - ހުޅުމާލެ ފޭސް އެކެއްގެ އެތެރޭގެ ދަތުރުތައް - 25 ރުފިޔާ
  • - ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް - 40 ރުފިޔާ
  • - ހުޅުމާލެ ފޭސް ދޭކުން މާލެއަށް އަދި މާލެ އިން ހުޅުމާލެ ފޭސް ދޭކަށް - 120 ރުފިޔާ
  • - މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް - 100 ރުފިޔާ
  • - އެއާޕޯޓުން މާލެއަށް އަދި މާލެއިން އެއާޕޯޓަށް - 80 ރުފިޔާ
  • - އެއާޕޯޓުން ހުޅުމާލެއަށް އަދި ހުޅުމާލެއިން އެއާޕޯޓަށް - 80 ރުފިޔާ
  • - ހުޅުމާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ
  • - މާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ
  • - ހުޅުމާލެ ފޭސް ދޭކުން ހުޅުލެ ސީޕްލޭން ޓާމިނަލަށް - 120 ރުފިޔާ

ޓެކްސީ ކުރުމުގެ ގަވައިދުގައިވާ ގޮތުން އެ ގަވައިދާ ހިލާފުވާނަމަ ނަސޭހަތާއި އިންޒާރު ދެވިދާނެ އެވެ. އަދި ކުށުގެ އަދަބެއްގެ ގޮތުގައި ފުރަތަމަ ފަހަރަށްނަމަ 500 ރުފިޔާ އަދި ދެވަނަ ފަހަރުނަމަ 1،000 ރުފިޔާ އިން ޖޫރިމަނާކުރެވިދާނެ އެވެ. ކުށް ތަކުރާރުކޮށްފިނަމަ އެ ފަރާތެއްގެ ލައިސަންސް ބާތިލްކުރުމުގެ ބާރުވެސް މިނިސްޓްރީ އަށް ދީފައިވެ އެވެ.

މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެވޭނެ އަގުތަކުގެ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވަނީ މާލެ އާއި ހުޅުލެއަށް 60 ރުފިޔާ، ހުޅުމާލޭން ހުޅުލެ އަށް 60 ރުފިޔާ، މާލެ އިން ހުޅުމާލެ އަށް 75 ރުފިޔާ އަދި މާލެ އާއި ހުޅުމާލެ ތެރޭގައި 25 ރުފިޔާ އެވެ.