ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މާލޭގެ ޕޮޒިޓިވްވީ ރޭޓް 8 ޕަަސެންޓްގައި

މާލެ ސަރަހައްދުން - މާލެ، ވިލިމާލެ، ހުޅުމާލެ، ތިލަފުށި - ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެ ޕޮޒިޓިވިޓީ ރޭޓް 8 ޕަސެންޓަށް ދަށްވެއްޖެ އެވެ. މިއީ މިއަހަރުތެރޭ މި ނަންބަރަށް ޕޮޒިޓިވިޓީ ރޭޓް ދަށްވި ފުރަތަމަ ފަހަރެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ޑިސެންބަރު ފުރަތަމަ ދުވަހު މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް ހުރީ ތިން ޕަސެންޓްގައެވެ. އަދި ޖަނަވަރީ ފެށުނުއިރު އެ އަދަދު ހުރީ ހަތަރު ޕަސެންޓްގައެވެ.

ނަމަވެސް ޖަނަވަރީ 12 އިން ފެށިގެން މާލެ ސަރަހައްދުން ޕޮޒިޓިވިޓީ މީހުންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ. އެ މަހުގެ 12 އިން 18 އަށް މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް ހުރީ 18 ޕަސެންޓްގައެވެ.

މާލޭ ސަރަހައްދުގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވީ ޖަނަވަރީ 26 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ ފުރަތަމަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި ޕޮޒިޓިވިޓީ ރޭޓް ހުރީ 45 ޕަސެންޓްގައެވެ. ނަމަވެސް އެ އަދަދު ފެބްރުއަރީ ނުވަވަނަ ދުވަހުން ފެށިގެން ދިޔައީ ދަށްވަމުންނެވެ.

މިހާރު އެ ރޭޓް ހުރީ 8 ޕަސެންޓްގައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ޑިސެންބަރު ފުރަތަމަ ދުވަހު އަތޮޅުތަކުގައި ޕޮޒިޓިވިޓީ ރޭޓް ހުރީ 12 ޕަސެންޓްގައެވެ. އަދި ޖަނަވަރީ ފެށުނުއިރު އެ އަދަދު ހުރީ 12 ޕަސެންޓްގައެވެ.

ނަމަވެސް ޖަނަވަރީ 12 އިން ފެށިގެން އަތޮޅުތަކުންވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ. އެ މަހުގެ 12 އިން 18 އަށް ޕޮޒިޓިވިޓީ ރޭޓް ހުރީ 23 ޕަސެންޓްގައެވެ. އަދި ޖަނަވަރީ 19 އިން ފެބްރުއަރީ ފުރަތަމަ ދުވަހުގެ ނިޔަލަށް އެ އަދަދު ވަނީ 43 ޕަސެންޓަށް އުފުލިގައެވެ.

އަތޮޅުތަކުގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވީ ފެބްރުއަރީ ދެވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން ފެބްރުއަރީ 23 ވަނަ ދުވަހުގެ ނިޔަލަށް އަތޮޅުތަކުގެ ޕޮޒިޓިވިޓީ ރޭޓް ހުރީ 50 ޕަސެންޓްގައެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ 44 ޕަސެންޓަށް ދަށްވެފައެވެ.

މުޅި ރާއްޖެއަށް ބަލާއިރު ޕޮޒިޓިވިޓީ ރޭޓް މިހާރު ހުރީ 18 ޕަސެންޓްގައެވެ. ރާއްޖޭގެ ހާލަތު މި މުއްދަތުގައި އެންމެ ގޯސްވީ ޖަނަވަރީ 26 އިން ފެބްރުއަރީ ފުރަތަމަ ދުވަހުގެ ނިޔަލަށެވެ. އެ ދުވަސްތަކުގައި ޕޮޒިޓިވިޓީ ރޭޓް ހުރީ 36 ޕަސެންޓްގައެވެ.